ވިޔަފާރި

އުރީދޫ ޑިރެކްޓަރު ކަމަށް އެދެން ދެވަނަ ފުރުސަތެއް

އުރީދޫ މޯލްޑިވްސްގެ އާންމު ހިއްސާދާރުން ތަމްސީލް ކުރާ، ޑިރެކްޓަރު ކަމަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދީފި އެވެ.

އުރީދޫން އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލާފައި ވަނީ މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑަ ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަކަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި މަގާމަށް ކުރިމަތިލާ ފަރާތް ތަކުން ފުރިހަމަ ކުރަންޖެހޭ އެޕްލިކޭޝަން ފޯމް އެ ކުންފުނީގެ ވެއބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

އުރީދޫގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު އެވެ.

އެ ކުންފުނިން ބުނީ ޑިރެކްޓަރު ކަމަށް ކުރިމަތިލާ މީހުން ޝޯޓް ލިސްޓް ކުރާނީ އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީ އިން ކަމަށެވެ. އަދި ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މައުލުމާތު އާންމު ކުރާނީ އަންނަ އަހަރުގެ މާޗު މަހުގައި އޮންނަ އެ ކުންފުނީ އަހަރީ އާންމު ޖަލްސާގައި ކަމަށެވެ.

އުރީދޫން ދާދި ފަހުން ވަނީ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވައި އެ ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު އިސްލާހު ކޮށްފަ އެވެ.