ދުނިޔެ

ލަންކާ ހަނގުރާމަ: ގެއްލިފައިވާ މީހުން މަރުވެފައިވާކަމަށް އެއްބަސްވެއްޖެ

Jan 21, 2020

ކޮލޮމްބޯ (ޖެނުއަރީ 21) - ސްރީލަންކާގައި ތަމަޅައިންނާ ދެކޮޅަށް ކުރި ދާހިލީ ހަނގުރާމައިގެ ތެރެއިން ވީނުވީއެއް ނޭނގި ގެއްލިފައިވާ 20،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސަރުކާރުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.

ހަނގުރާމައިގެ ތެރެއިން ގެއްލުނު މީހުންގެ އާއިލާތަކުން އެ މީހުން ވީތަނެއް ބުނެދިނުމަށް ސަރުކާރަށް އާދޭސްކޮށް މުޒާހަރާތައް ކުރަމުންދާއިރު، އދ. ހާއްސަ މަންދޫބަކާއެކު ވެރިރަށް ކޮލޮމްބޯގައި ބޭއްވި ބައްދަލު ވުމެއްގައި އެ ގައުމުގެ ރައީސް ގޮޓާބޭ ރާޖަޕަކްސަ ވަނީ ގެއްލުނު މީހުން މަރުވެފައިވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

އަދި އެ މީހުނަށް މަރުގެ ސެޓްފިކެޓް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށް ރައީސް އޮފީހުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ތަމަޅަ ޓައިގަރުންގެ ހަނގުރާމަވެރިންނާ ދެކޮޅަށް 26 އަހަރަށް ދިގު ދެމިގެންދިޔަ ދާހިލީ ހަނގުރާމަ ސަރުކާރުން ކާމިޔާބުކުރީ 2009 ވަނަ އަހަރެވެ.

އެ ހަނގުރާމައިގެ ތެރެއިން 10،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 20،000 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ. ހަނގުރާމަ ކާމިޔާބު ކުރުމަށް އޭރު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ގޮޓާބޭ ރާޖަޕަކްސަ ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ނަމަވެސް، ހާއްސަކޮށް ހަނގުރާމައިގެ ފަހު ދުވަސްވަރު، ލަންކާ ސިފައިން އާންމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގިކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފަ އެވެ. އަދި އެކަންކަން ތަހުގީގު ކުރުމަށް އދ. އިސްވެ ބައިނަލްއަގުވާމީ މުޖުތަމައުއިން ލަންކާ ސަރުކާރަށް ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.