ދިވެހި ސިނަމާ

މޮގާގެ "މާމުއި" އަންނަ މަހު 6 އަދި 8 ގައި

ޑާކްރެއިން އެންޓަޓެއިންމަންޓުން މިދިޔަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމް "މާމުއި" ގެ ދެ ޝޯ ދެއްކުމަށް ހަމަޖައްސައިފި އެވެ.

ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ބުނީ "މާމުއި" ގެ ދެ ޝޯ އޮންނާނީ އަންނަ މަހުގެ ހައެއްވާ ބުރާސްފަތި ދުވަހުގެ ރޭ އަދި އަށެއްވާ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ.

ފިލްމްގެ ޓިކެޓް މިހާރު އޮލިންޕަހުން ލިބެން ހުންނާނެ އެވެ. މީގެ އިތުރުން 9911229 ހޮޓްލައިނާ ގުޅައިގެން ޓިކެޓް ބުކް ކުރެވޭނެ އެވެ.

"މާމުއި" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. ހެއްވާ މަޖާ އެތައް ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަކީ ޑާކްރެއިންގެ އެންމެ އަގުބޮޑު އުފެއްދުމެވެ.

ވަރަށް ހިތްގައިމު މަންޒަރުތަކާއެކު ނަގާފައިވާ "މާމުއި" ގެ 18 ޝޯ ދައްކާފައިވަނީ ހައުސްފުލްކޮށެވެ. އެއީ 2019 ގެ ރެކޯޑެކެވެ. އޭރު އެ ފިލްމު ނަގަން ޖެހުނީ އިތުރު ދުވަސްތަކަށް އޮލިންޕަސް ނުލިބުމާއި ގުޅިގެންނެވެ.

ޑާކްރެއިންގެ ކުރިއަށްވެސް ހުރީ ވަރުގަދަ ޕްރޮޖެކްޓްތަކެވެ. އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެންނާނީ "ނޮވެންބަރު" އެވެ. "ނޮވެންބަރު" ގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. މިއީ ޑާކްރެއިންގެ ކަޕުލް ޖުމައްޔިލް އަދި މަޖޫގެ ފަހު ފިލްމެވެ. "މާމުއި" އިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އަލީ ޝިފާއުގެ އަންހެނުން އައިޝަތު ޔާދާ ވެސް "ނޮވެންބަރު" ން ފެނިގެންދާނެ އެވެ.

މީގެ އިތުރުން ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހުވެެސް މި ފިލްމުން ފެނިގެންދެއެވެ.

"ނޮވެންބަރު"ގެ ޕްރޮޑިއުސަރުންނަކީވެސް މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ޑައިރެކްޓް ކުރާނީ އައިޝަތު ފުއާދުގެ އިތުރުން އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލެވެ.

އެ ސްޓޫޑިއޯގެ ފިލްމު "ބަޅިނދު" ގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އަދި "ކައިވެނީގެ އަމާޒް" ނަމުގައި ފިލްމެއް ވަނީ އިއުލާނުކޮށްފައެވެ.