ކުޅިވަރު

ޓޮޕް ޑިވިޝަންގެ މުބާރާތް އެއް އަހަރަށްފަހު

ބާސްކެޓްބޯޅައިގެ އެއް ވަނަ ޑިވިިޝަންގެ މުބާރާތްތައް ގާތްގަނޑަކަށް އެއް އަހަރަށް ފަހު، އަންނަ ފެބްރުއަރީގައި ފެށުމަށް އެމްބީއޭ އިން ޝެޑިއުލް އާންމު ކޮށްފި އެވެ.

ގައުމީ ޓީމަށް ވަގުތު ހުސް ކުރުމަށް މިދިޔަ އަހަރު މާޗް މަހުން ފެށިގެން ފުރަތަމަ ޑިވިޝަންގެ ބާސްކެޓް ސީޒަން މެދުކަނޑާލި އެވެ. މިދިޔަ އަހަރު ގައުމީ ފިރިހެން ޓީމުން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކޮށްފަ އެވެ. ސައުތު އޭޝިއަން ގޭމްސްގައި އަންހެން ޓީމުން ބްރޯންޒް މެޑަލް ހޯދި ނަމަވެސް ފިރިހެން ޓީމަށް މިދިޔަ އަހަރަކީ ނާކާމިޔާބު އަހަރެކެވެ. ބައިވެރިވި ބޮޑު ދެ ގޭމްސްގައިވެސް ފިރިހެން ޓީމަށް ކުރިމަތިވި ނާކާމިޔާބެވެ.

އަންނަ މަހު އެކެއްގައި ގައުމީ ލީގުން ބާސްކެޓްގެ ޑެމެސްޓިކް ސީޒަން ފަށާނެ އެވެ. އަންނަ މަހު އެއް ވަނަ ދުވަހުގެ ހަވީރު ގައުމީ ލީގްގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ، އަންހެން ޑިވިޝަންގެ ކްއީން ބާސްކެޓްބޯލް ކުލަބާއި ބެންޗް ސްޕޯޓްސް ކުލަބެވެ.

އެއް ވަނަ ޑިވިޝަންގައި މިދިޔަ އަހަރު އެންމެ ފަހު މުބާރާތަކަށް ބާއްވާފައި ވަނީ، އެމްބީއޭ ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ ކިންގްސް ބާސްކެޓްބޯޅަ ކުލަބެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ޔޫއެން ފްރެންޑްސް އެވެ.