ހަބަރު

ސަމާލުވޭ! އިންޓަވަލަށް ތިގަންނަ ބައެއް ތަކެތި ކާން ހެޔޮނުވާނެ

ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، ބިދޭސީން ކާބޯތަކެތި ތައްޔާރު ކުރަމުން ދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ އެ އިދާރާއިން ހިންގި ރޫޓިން އިންސްޕެކްޝަންތަކުގައި ފާހަގަ ކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން ހާމަކުރި މައުލޫމާތުތަކެއްގައެވެ. ރޫޓިން އިންސްޕެކްޝަންތަކުގައި ފެނުނު މަންޒަރުތައްވެސް ސޯޝަލް މީޑިއާގައި އެ އިދާރާއިން ވަނީ ހިއްސާކޮށްފައެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުންދާ ބައެއް ތަންތަން އިންސްޕެކްޓްކޮށްލުން ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ކާބޯތަކެތި ތައްޔާރު ކުރާ ތަންތަން ފާހަގަ ކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ފިހާރަތަކުގައި ވިއްކަން ހުންނަ ހެދިކާގެ ބާވަތްތަކާއި، އިންޓަވަލަށް ބޭނުން ކުރާ ތަފާތު ބާވަތްތައްވެސް އެ ފަދަ ތަންތަނުގައި ހަދަމުންދާ ކަމަށެވެ.

"އެހެންވީމަ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ. ދަރިފުޅަށް ގަންނަ އިންޓަވަލްގެ ރައްކާތެރިކަމާމެދު ޔަގީންކަން ހޯދަންޖެހޭ. ފިހާރަތަކުގައި ވިއްކަން ހުންނަ ކާބޯތަކެއްޗަކީ ސާފުތާހިރުކަމުގެ މިންގަނޑު ހިފެހެއްޓިގެން ތައްޔާރުކޮށްފައިވާ ތަކެތިތޯ ބަލަންޖެހޭ."

އިމިގްރޭޝަނުން އާންމުކުރި ވީޑިއޯ

އިމިގްރޭޝަނުން އާންމުކުރި ވީޑިއޯ ކޮޅުގައި ސާފުތާހިރުކަން ވަރަށް ކުޑަ ތަންތަނުގައި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަން ތިބި މަންޒަރުތައް ހިމަނާފައިވެއެވެ.

އެހެން ކަމުން މިއީ ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެކެވެ. ސުކޫލް ކުދިންގެ އިންޓަވަލްއަށް ބޭނުންވާ ބާގާ، ހޮޓްޑޯގް، ސޭންޑްވިޗް އަދި ހެދިކާގެ ތަފާތު ބާވަތްތައް ވަރަށް ގިނަ ފަރާތްތަކުން ވިއްކައެވެ. އިމިގްރޭޝަނުން ބުނީ ބިދޭސީންވެސް އެފަދަ ތަކެތި ތައްޔާރުކޮށް ފިހާރަތަކުގައި ބަހައްޓައިގެން ވިއްކަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.

ބިދޭސީން ދިރިއުޅޭ ތަންތަނާއި، އެ މީހުން ކެއުމަށް ބޭނުން ކުރާ ތަކެތި ތައްޔާރުކުރުމުގައި ސާފްތާހިރު ކަމުގެ މިންގަނޑު އެއްގޮތަކަށްވެސް ނުހިފަހައްޓާކަން ފާހަގަކުރެވެއެވެ. ބައެއް ފަހަރު ބިދޭސީން ހިންގާ ހޮޓާތަކުގެ ނުތާހިރުކަން ބޮޑުވެގެން ކަމާބެހޭ އިދާރާތަކުން އެތަންތަން ބަންދުކޮށްފައިވެސް ވެއެވެ.