ހަބަރު

ދަސްވާރު ޕްރޮގްރާމް އުވާލާ "ހުނަރު" ޕްރޮގްރާމެއް ފަށަނީ

ސްކޫލްތަކުގައި ހިންގަމުންދާ ދަސްވާރު ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ދަސްވާރު ޕްރޮގްރާމް ހިންގުން ހުއްޓާލާފައިވަނީ، ތައުލީމީ ގޮތުން ބަޔަކު ދަށް ކަމަށް ފާހަގަކުރާ ދަރިވަރުންނަށް ކަމުގައި ވުމުން އޭގެ ނޭދެވޭ އަސަރު ގިނަ ދަރިވަރުންނަށް ކޮށްފައިވާތީ ކަމަށެވެ. އަދި، ދަސްވާރު ނިންމާ ބައެއް ދަރިވަރުންނަށް މަސައްކަތަށް ބޭނުންވާ ފެންވަރަށް ލިޓްރަސީ އާއި ނިއުމަރަސީ ނޭނގުމުގެ ސަބަބުން ދަތިތަކެއް ދިމާވާތީ ކަމަށެވެ.

ދަސްވާރަށް ބައެއް ދަރިވަރުން ލާފައިވަނީ އެންމެ އެދެވޭ ގޮތެއްގައި ނޫން ކަމަށާއި ސްކޫލް ތަކުގެ ނަތީޖާ މަތިކުރުމަށް ގައުމީ މަންހަޖުގައި ހިމެނޭ މުހިއްމު މާއްދާތައް ނުކިޔަވާ ދަސްވާރު ހެދުން މަޖުބޫރު ކޮށްފައިވާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

"މި ކަމުގެ ސަބަބުން ދަރިވަރުންގެ ސާނަވީ ތައުލީމުގެ މަރުހަލާއަށސް ވަރަށް ނޭދެވޭ އަސަރު ކުރޭ. އަދި ގްރޭޑް 10 ގައި ދަސްވާރު ޕްރޮގްރާމް ހެދޭކަން އެނގުމުން ދަށް ގްރޭޑްތަކުގައިވެސް ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ ލުއި ގޮތަކަށް ސާނަވީ މަރުހަލާ ނިންމާކަން ފާހަކަ ކުރެވިފައިވޭ،" އެ ބަޔާނުގައިވެ އެވެ.

ދަސްވާރު ޕްރޮގްރާމް ހިންގި ބައެއް ސްކޫލްތަކުގައި އެ ޕްރޮގްރާމް ރަނގަޅަށް ހިންގާފައިވާތި އެކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެެވެ. އަދި، މި ޕްރޮގްރާމް އުވާލި ކަމުގައި ވިޔަސް ހުނަރު ޕްރޮގްރާމެއް އުފައްދާ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.

"އަމާޒަކީ ގިނަ ފަރާތްތަކުންގެ ލަފަޔާ އިރުޝާދުގެ އަލީގައި ކޮންމެ ކުއްޖަކަށްވެސް ދިރިއުޅުމަށް ބޭނުންހިފޭ ހުނަރު ޕްރޮގްރާމެއް ކުރިއަށްގެންދިޔުން. މިކަމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ފެށިފައި،"

އަލަށް ފަށަން ނިންމާފައިވާ ހުނަރު ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެ އެވެ. އެހެންނަމަވެސް، ރައީސް ނަޝީދުގެ ސަރުކާރުގައި ވަޒީފާގެ ބާޒާރުގައި ބިދޭސީންގެ ބަދަލުގައި ޒުވާނުން ނެރުމަށް ހުނަރު ނަމުގައި ޕްރޮގްރާމެއް ހިންގި އެވެ.

ނިމި ދިޔަ ސަރުކާރުގައި ގްރޭޑް 10 އަކަށް ހާއްސަކޮށް ފެށި ދަސްވާރު ޕްރޮގްރާމް ވަނީ އަތޮޅުތެރޭގައިވެސް ހިންގާފަ އެވެ. އަމިއްލަ ކުންފުނިތަކާ ގުޅިގެން ހިންގި މި ޕްރޮގްރާމްގެ ދަށުން ތަމްރީން ހޯދާފައި ތިބި ގިނަ ކުދިންނަށް ވަޒީފާ ލިބިފައިވާ ކަމަށްވެސް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ ވިދާޅުވެފަ އެވެ.

ދަސްވާރާއި ބީޓެކް ތައާރަފް ކުރުމުން ސަރުކާރަށް ފާޑުކިޔުންވެސް އަމާޒުވި އެވެ. އެއީ، މި ޕްރޮގްރާމްތައް ތައާރަފް ކުރީ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ޖުމްލަ ނަތީޖާ ރަނގަޅު ކުރަން ކަމަށް ބުނެ އެވެ. އަދި، ނަތީޖާ ދަށް ކުދިން ބާކީ ކުރުމަށް ކުރި ކަމެއް ކަމަށްވެސް ބައެއް މީހުން ދެކެ އެވެ. އެހެންނަމަވެސް، މަސައްކަތްތެރިކަން ދަސްކޮށްދޭން ފެށި މި ޕްރޮގްރާމަށް ގިނަ ބަޔެއްގެ ތަރުހީބު ވެސް ލިބުނެވެ.