އިލެކްޝަންސް ކޮމިޝަން

ފުއާދުގެ ކަންބޮޑުވުންތަކަށް އީސީން ރައްދު ދީފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް މާލެ ސިޓީގެ ދާއިރާތައް ބަހާފައިވަނީ ހުރިހާ ސިޔާސީ ޕާޓީތަކަކާއި މަޝްވަރާކޮށް ކޮމިޝަންންގެ ފަސް މެންބަރުންގެ ވޯޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގްވެސް ހިމެނޭހެން މާލޭގެ ބައެއް ރައްޔިތުން މާލެ ސިޓީގެ ދާއިރާތައް ބަހާފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރުމާއި ގުޅިގެންނެވެ. ފުއާދު ވިދާޅުވީ ދާއިރާތައް ބަހާފައިވަނީ އަވަށްތަކުގެ އިންތަކަށް ބެލުމެއްނެތި ކަމަށާ އެކަމާ ކަންބޮޑުވާ ކަމަށެވެ.

ފުއާދުގެ ވާހަކަތަކަށް ރައްދު ދީ އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކައުންސިލް އިންތިހާބަށް މާލެ ސިޓ 18 ދާއިރާއަކަށް ބަހާލުމަކީ އެ ކޮމިޝަނަށް ކުރިމަތިވި ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

"ހަ އަވަށް، 15 މަޖިލީސް އިންތިހާބީ ދާއިރާ."

ކޮމިޝަނުން ބުނީ މާލެ ސިޓީގެ ދާއިރާތައް ބަހާފައިވަނީ އެޑްވައިޒަރީ ކޮމެޓީގެ ލަފާގެ މަތިން އަދި ހުރިހާ ސިޔާސީ ޕާޓީތަކަކާއި މަޝްވަރާކޮށް ކޮމިޝަންންގެ ފަސް މެންބަރުންގެ ވޯޓުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި އިސް ތަރްޖަމާން އަހުމަދު އަކްރަމް ވިދާޅުވީ މާލެ ސިޓީ އަދި އެހެން ސިޓީތަކުގެ ދާއިރާތައް ބަހާފައިވާ ގޮތަށާއި، ދާއިރާތަކަށް ދެވިފައިވާ ނަންތަކަށް ޝަކުވާ ހުށައަޅަން އާންމުކޮށް ފުުރުސަތުވެސް ހުޅުވާލި ކަމަށެވެ.

"ދާއިރާތައް ކަނޑައެޅިފައިވަނީ އީސީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން." އަކްރަމް ވިދާޅުވިއެވެ.

މާލެ ސިޓީގެ ދާއިރާތައް

  • ހުޅުމާލެ ދާއިރާ
  • ހެންވޭރު އުތުރު ދާއިރާ
  • ހެންވޭރު ދެކުނު ދައިރާ
  • މެދު ހެންވޭރު ދާއިރާ
  • ހެންވޭރު ހުޅަނގު ދާއިރާ
  • ގަލޮޅު އުތުރު ދާއިރާ
  • ގަލޮޅު ދެކުނު ދާއިރާ
  • ގަލޮޅު މެދު ދާއިރާ
  • ގަލޮޅު ހުޅަނގު ދާއިރާ
  • މައްޗަންގޮޅީ އުތުރު ދާއިރާ
  • މައްޗަންގޮޅީ މެދު ދާއިރާ
  • މައްޗަންގޮޅީ ދެކުނު ދާއިރާ
  • މާފަންނު މެދު ދާއިރާ
  • މާފަންނު އުތުރު ދާއިރާ
  • މާފަންނު ހުޅަނގު ދާއިރާ
  • މާފަންނު ހުޅަނގު، އުތުރު ދާއިރާ
  • މާފަންނު ދެކުނު ދާއިރާ
  • ވިލިމާލެ ދާއިރާ