ރިޕޯޓް

ގާނޫނުލްއުގޫބާތުގައި ހުރި ހައްދުތައް ތަންފީޒުނުވާނެ ގޮތަށް ގެނައި އިސްލާހެއް

Aug 31, 2015
1

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު އަކީ، މިހާތަނަށް ދިވެހިރާއްޖޭގައި ފާސްކުރެވުނު އެންމެ ބޮޑު ޤާނޫނެވެ. އެންމެ ރީތި ޤާނޫނެވެ. އަދި ބަލައި، ކިޔައި ހަދަން އެންމެ ފަސޭހަ ޤާނޫނެވެ. މިޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ވޭތުވެދިޔަ 9 މަހެއްހައި ދުވަހު ހިންގިއިރު، ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވި އެއްވެސް މީހަކަށް، މިޤާނޫނު އުނދަގޫވެގެން އުޅޭ ތަނެއް ފެނިފައެއްނުވެއެވެ.

ނަމަވެސް، މިޤާނޫނުގެ ބޮޑުކަމުންނާއި، ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުން އެއީ، އެމީހަކާ އެކަށީގެންވާ ވަރަށްވުރެ ދެރަ ނިކަމެތި ކަމެއްކަމަށް ޤަބޫލުކުރެވޭ ބައެއް މީހުންނަށް މިއީ ވަރަށް ބުރަ، ބޮޑު، ބިޔަ ޤާނޫނަކަށް ވެދާނެއެވެ. އަދި ބައެއް މީހުން، މި ޤާނޫނު  ކިޔަން ފެށުމަށްފަހު، މިޤާނޫނުގެ ކުރީކޮޅުގައި ހުރި ވާހަކަތަކުގެ 'ވިޔާނުދާ ކަމުން' ފަހަތުބަޔާ ހަމައަށް ނުދެވި، މިޤާނޫނާ މެދު 'ޙުކުމެއް' އިއްވާތަން މަދުން ނަމަވެސް ފެނެއެވެ. ނަތީޖާއަކަށްވަނީ، މިޤާނޫނު އޮތް ގޮތް 'ގޯސް' ކަމުން، އެއަށް ބަދަލު ނުގެނެސް ވާނެ އެއް ގޮތެއްވެސް ނޯންނާނެކަމަށް ޤަބޫލުކުރެވުމެވެ. އޭގެ ސަބަބަން، އެކި ކަހަލަ ވާހަކަތައް ހިމަނައިގެން މިޤާނޫނަށް އިޞްލާޙު ގެނައުމަށް މަޖިލީހަށް ހުށަހަޅަމުން އެބަދެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު (27 އޮގަސްޓު 2015) ދުވަހު، ޤާނޫނުލްޢުޤޫބާތަށް އައު އިޞްލާޙެއް މަޖިލީހުން ފާސްކުރައްވައިފިއެވެ. މިއިޞްލާޙަކީވެސް، ކުރިން ދެންނެވި ފަދައިން ޤާނޫނުލްޢުޤޫބާތު ރަނގަޅަށް ފިލާފައި ނެތުމުގެ ސަބަބުން ހުށަހެޅުނު އިޞްލާޙެކެވެ. މިއިޞްލާޙުގެ ޚުލާޞާއަކީ، ދިވެހިރާއްޖޭގައި މީގެ ފަހުން އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށަކަށް، ޙައްދެއް ކަނޑަނޭޅުމެވެ. މިއިޞްލާޙު އައުމުގެ ކުރިން، ޙައްދު ޤާއިމުކުރެވޭތީ، އެކަން ނުވާނޭ ގޮތަކަށް އިޞްލާޙެއް ގެނައީއެވެ.

ޤާނޫނުލްޢޫޤޫބާތަށް ބުރާސްފަތި ދުވަހު ގެންނެވި އިޞްލާޙުގެ އެއްބައިގައި އޮންނަނީ؛

"1205. މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައަޅާފައިވާ ނުވަތަ ޤިޞާޞް ކަނޑައަޅައިފައިވާ ކުށެއް، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއްވެސް ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން އެކަމަކަށް އިސްލާމީ ޝަރީޢަތުގައިވާ އަދަބެވެ." މިހެންނެވެ.

އިސްލާމީ ޝަރީޢަތަކީ ހުރިހާ ޒަމާނަކަށް ފެތޭ ޝަރީޢަތެކެވެ. އެކަން ކަށަވަރު ކުރުމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ބަޔާންކޮށްފައިވަނީ މައިގަނޑު އުޞޫލުތަކެކެވެ. އެއުޞޫލުތަކާ ޚިލާފު ނުވާނޭހެން، އެޒަމާނަކަށް ފެތޭ ގޮތަށް އިތުރު އުޞޫލު ހެދުމަކީ ދީން ހުއްދަ ކުރާ ކަމެކެވެ. މިސާލަކަށް، އިސްލާމީ ޝަރީޢަތުގައި ކުށެއްކަމަށް ކަނޑައަޅައި، ޤުރުއާނާއި ސުންނަތުގައި އަދަބު ކަނޑައެޅިފައިވަނީ އެންމެ 4 (ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި 7) ކަމެއްގައެވެ. ނަމަވެސް، މިހާރުގެ މުޖްތަމަޢުތަކުގައި 7 ކުށަށްވުރެ މާ ގިނަ ކުށް މީހުން ކުރެއެވެ. ޝަރީޢަތް އޭގެ ލަފްޒީ މާނައިގައި ތަރުޖަމާ ކޮށްފިނަމަ، 7 ކުށް ފިޔަވައި އިތުރު ކުށެއް އޮވެގެން ނުވާނެއެވެ. ޝަރީޢަތުގައި ހުރި އުޞޫލުތައް މާނަކުރަންވާނީ، އެޒަމާނަކަށް ފެތޭ ގޮތަކަށެވެ. އެހެން ނޫނީ އިސްލާމީ ޝަރީޢަތަކީ ހުރިހާ ޒަމާނަކަށް ފެތޭ އެއްޗަކަށް ނުވާނެއެވެ.

ބުރާސްފަތި ދުވަހުގެ އިޞްލާޙުގައިވާ ގޮތުން، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށަކަށް އިސްލާމީ ޝަރީޢަތުގައި އޮތް އަދަބު ފިޔަވައި އެހެން އަދަބެއް ނުދެވޭނެއެވެ. މިސާލަކަށް، ޒިނޭ ކުރިކަން ސާބިތުވެއްޖެނަމަ، ޙައްދު ޖެހުން ފިޔަވައި އެހެން އަދަބެއް ނުދެވޭނެއެވެ. ވައްކަން ކުރުން ސާބިތުވެއްޖެނަމަ، އަތްކެނޑުން (އެއީ ޝަރީޢަތުގައި އޮތް އަދަބު ނަމަ، އެއަދަބު) ފިޔަވައި އެހެން އަދަބެއް ނުދެވޭނެއެވެ. މިކަމުގައި ނުރައްކާތެރި ކަންތައްތަކެއް ފާހަގަ ކުރެވެއެވެ.

މިއިޞްލާޙުގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ދަށު ކޯޓުން މީހެއްގެ މައްޗަށް ސާބިތުވާ ހިނދުން ފެށިގެން އެމީހަކު ބަންދުން ދޫކޮށްލަންޖެހެއެވެ. މަރުގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހަކަށްވިޔަސް، ޒިނޭގެ މައްސަލައެއްގައި ހުރި މީހަކަށްވިޔަސްވެހެވެ. އެއީ، އިސްލާމީ ޝަރީޢަތުގައި ޖަލުގައި ބަންދުކުރުން އެއީ ޤުރުއާނުގައި ނުވަތަ ސުންނަތުގައި އޮތް އަދަބަކަށް ނުވާތީއެވެ. ދެން އެމީހެއްގެ މައްޗަށް އެމައްސަލައިގައި ސުޕްރީމް ކޯޓުން ޙުކުމެއް އިއްވަންދެން އެމީހަކު ހުންނާނީ ބަންދުން ވީއްލިފައެވެ. ކިތަންމެ ނުރައްކާތެރި މީހަކަށްވިޔަސް ވެހެވެ. މިދިޔަ ހަފްތާގައި ޔޫ.އެން.ޑީ.ޕީއިން ނެރުއްވި ދިރާސާއިން ދައްކާ ގޮތުގައި، ޖިނާއީ ބައެއް މައްސަލަތައް ނުނިމި 5 އަހަރެއްހައި ދުވަހު ކްރިމިނަލް ކޯޓުގައި ހުރެއެވެ. އަދި ހައިކޯޓާއި ސުޕްރީމް ކޯޓުގެ މަރްޙަލާތައް އޭގެ ތެރެއަށް ވަނުމުން، 7 ނުވަތަ 8 އަހަރެއްހައި ދުވަހު މައްސަލަ ނުނިމި ހިނގަމުން ގޮސްދާނެއެވެ. މިހުރިހާ ދުވަހެއްގައިވެސް ކުށް ސާބިތުވެފައިވާ މީހާ ހުންނާނީ ބަންދުން ވީއްލިފައެވެ. އިސްލާމީ ޝަރީޢަތުގައި އޮތް އަދަބު ފިޔަވައި އެހެން އަދަބެއް ނުދެވޭނެތީއެވެ.

ޤާނޫނީ ނިޒާމު ބައްޓަންވެފައިވާ ގޮތުން، މީހެއްގެ މައްޗަށް ފުރަތަމަ މަރްޙަލާގެ ކޯޓަކުން ކުށެއް ސާބިތުވާ ޙާލަތެއްގައި، އެޙުކުމެއް މަތީ މަރްޙަލާއެއްގެ ކޯޓަކަށް ހުށަހަޅާނީ އެޙުކުމާމެދު އެމީހަކު ހިތްހަމަނުޖެހޭނަމައެވެ. އެޙުކުމާމެދު ހިތްހަމަޖެހޭނަމަ، އިސްތިއުނާފަކަށް ހައިކޯޓަކަށްވެސް އަދި ސުޕްރީމް ކޯޓަކަށްވެސް ހުށައެއް ނާޅާނެއެވެ. އެމައްސަލަ ހުށަހެޅުމަކަށް ޤާނޫނަކުން ލާޒިމެއްވެސް ނުކުރެއެވެ. އެހެންކަމުން، މީހެއްގެ މައްޗަށް ޙައްދުގެ ކުށެއް (މަރަށް މަރު، ނުވަތަ ޒިނޭގެ ޙައްދު ނުވަތަ އަތް ކެނޑުން) ސާބިތުވެއްޖެނަމަ، އެމީހަކު އެމައްސަލައެއް ހައިކޯޓަށް ހުށަނާޅައިފިނަމަ، އެމައްސަލައެއް ސުޕްރީމް ކޯޓާ ހިސާބަށް ދާނެ ގޮތެއް ނޯންނާނެއެވެ. މިއިޞްލާޙު ބުނާ ގޮތުން، ޙައްދުގެ ޙުކުމެއް ތަންފީޒުކުރެވޭނީ އެމައްސަލައެއްގައި ސުޕްރީމް ކޯޓާ ހިސާބުން ގޮތެއް ނިމިގެންނެވެ. ސުޕްރީމް ކޯޓާ ހިސާބަށް ނުގޮސްފިނަމަ، ސުޕްރީމް ކޯޓަކަށް ގޮތެއް ނުނިންމޭނެއެވެ. ސުޕްރީމް ކޯޓުން ގޮތެއް ނުނިމި، ޙުކުމް ތަންފީޒެއް ނުކުރެވޭނެއެވެ. ޙައްދެއް ނުޖެހޭނެއެވެ.

މިކަން މިހެން އޮތުމުން ދިމާވާނެ ގޮތަކީ، މީހެއްގެ މައްޗަށް ދަޢްވާއެއް (މިސާލަކަށް ވައްކަމުގެ ދަޢްވާއެއް) ކުރާއިރަށް، އެމީހާ ޝަރީޢަތުގައި މަޖިލީހުގައި އެވައްކަން ކުރި ކަމަށާއި، އެވައްކަން ކުރީ ޝަރީޢަތުގައި ބުނާ ގޮތަށްކަމަށް ބުނެ އިޢްތިރާފުވާނެއެވެ. އިޢުތިރާފު ވެއްޖެނަމަ، އެމައްސަލަ ބައްލަވާ ފަނޑިޔާރަށް، ޝަރީޢަތުގައި އޮންނަ ޙުކުމް ނޫން ޙުކުމެއް ނުއެއް ކުރެވޭނެއެވެ. ޝަރީޢަތުގައި އޮންނަނީ އަތް ކެނޑުން ނަމަ، އެމައްސަލައިގައި ޖެހޭނީ އަތް ކަނޑަން ޙުކުމް ކުރާށެވެ. އެޙުކުމް އެގޮތަށް ކުރެއްވީމާ، ވައްކަންކުރި މީހާ ދާނީ ގެއަށެވެ. އެއީ، އޭނާ ބަންދުގައި ބެހެއްޓުމަކީ ޝަރީޢަތުގައި އޮތް އަދަބަށް ނުވާތީ، އޭނާ ޖަލުގައި ނުބެހެއްޓޭނެތީއެވެ. އެމީހާ ގެއަށް ގޮސް، އެމައްސަލަ ހައިކޯޓަކަށް ހުށައެއް ނާޅާނެއެވެ. ހައިކޯޓަށް މައްސަލަ ހުށަހެޅުން ލާޒިމުކުރާ ޤާނޫނެއްވިޔަސް ގަވާއިދެއްވިޔަސް ނެތެވެ. އެގޮތުގައި 10 ދުވަސް ހޭދަކުރުމުން، އެޙުކުމް ތަންފީޒުކުރެވޭނެ އެއްވެސް ގޮތެއް ނުވެސް އޮންނާނެއެވެ.

މިއިޞްލާޙު ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވިއިރު، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް، ޝަރީޢަތުގައި އޮތް ގޮތަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުނުވެ، ނަމަވެސް ޤާނޫނުގައި ބުނާ މިންވަރަށް ސާބިތުވެއްޖެނަމަ، އެމީހަކަށް ޤާނޫނުގައި ބުނާ އަދަބު ދޭންވާނެ ކަމަށް ލިޔެފައި އޮތެވެ. ނަމަވެސް، މިއިޞްލާޙް މަޖިލީހުން ފާސްވިއިރު، އެބައި ވަނީ އުނިކޮށްފައެވެ. ނަތީޖާއަކީ، އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވާނެ ހަމައެކަނި ގޮތަކީ 'އެއްވެސް ޝައްކެއް ނެތް މިންވަރަށް' ސާބިތުވުން ކަމަށްވުމެވެ. މިސާލަކަށް، ވައްކަމުގެ ކުށެއް، 'އެކަށީގެންވާ ޝައްކެއް ނެތް' މިންވަރަށް ސާބިތުވިޔަސް، 'އެއްވެސް ޝައްކެއް ނެތް މިންވަރަށް' ސާބިތުނުވާނަމަ، އެކަމަށް އެއްވެސް އަދަބެއް ނުދެވުމެވެ.

އިސްލާމީ ޝަރީޢަތުގެ ރޫޙަކީ މީހުންނަށް އަދަބު ދިނުމެއް ނޫނެވެ. އެއީ ދީނުގެ މަޤްޞަދުނަމަ، ރަސޫލުﷲ (ޞ) އަރިހަށް ކުށެއް ކޮށްގެން ދާ މީހާއަށް އެކި ޢުޛުރުތަކާ ބެހޭ ގޮތުން ސުވާލު ކުރައްވާ (ތިޔަ ހުރީ މަސްތުވެފައިތޯ) ފަހުން އަންނަން (ދަރިފުޅު ބޮޑުވުމުން، ނުވަތަ ކިރު ޖައްސާ ނިމުމުން ފަދަ) ގޮތްގޮތަށް އަމުރެއް ނުކުރެއްވީހެވެ.

މިފަލްސަފާގެ ދަށުން، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅޭނީ، މަތީ ދަރަޖައަކަށް ކުށް ސާބިތުވުމުން ކަމަށް ކަނޑައަޅުއްވާފައިވަނީއެވެ. ނަމަވެސް، ހައްދު ނޫން އަދަބުތައް ދިނުމަކަށް ޝަރީޢަތަކުން މަނައެއް ނުކުރެއެވެ. މިސާލަކަށް، މީހަކު މެރުމުގެ ކުށުގެ ދަޢްވާގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވިޔަސް، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެނަމަ، އެމީހަކަށް ޤާނޫނީ ގޮތުން އަދަބު ދެވިދާނެއެވެ. (މިއީ ޤާނޫނުލްޢުޤޫބާތުގައި އޮތް ގޮތްވެސް މެއެވެ.) ނަމަވެސް، މިއިޞްލާޙުގެ ސަބަބުން އެގޮތަށް އަދަބެއް ނުދެވޭނެއެވެ. މާނައަކީ، މީހުން މަރާ މީހެއްގެ ކުށް ސާބިތުވާނީ ހަމައެކަނި އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވެގެން ނެވެ. ވައްކަން ކުރާ މީހެއްގެ ކުށް ސާބިތުވާނީވެސް ހަމަ އެމިންވަރަށެވެ. އެނޫން ގޮތަކަށް ކުށް ސާބިތުވެގެނެއް އެމީހަކަށް އަދަބެއް ނުދެވޭނެއެވެ. ވީމާ، މިއިޞްލާޙު ތަޞްދީޤުވެއްޖެނަމަ، އިސްލާމީ ޝަރީޢަތުގައި ޙައްދު އޮތް ކުށެއް 'އެއްވެސް ޝައްކެއްނެތް މިންވަރަށް' ސާބިތުވެގެން ނޫނީ އެއްވެސް އަދަބެއް ނުދެވޭނެއެވެ. ޤާނޫނުލްޢޫޤޫބާތުން ކުށް ސާބިތުކުރަން އޮތް ލުއި މިންގަނޑު މިއިޞްލާޙުގެ ސަބަބުން އެއްކޮށް ނެތިގެން ދިޔައީއެވެ.

މުޅި ޤާނޫނުލްޢުޤޫބާތެއް ލިޔުމުގެ މަޤްޞަދަކީ ކަށަވަރުކަން އިތުރު ކުރުމެވެ. ކުށަކަށްވަނީ ކޮން ކަމެއްކަމާއި، އަދަބު ލިބޭނީ ކިހިނެއްކަން ސާފުވާގޮތަށް ޤާނޫނެއްގައި ލިޔުމެވެ. މިއިޞްލާޙުގެ ސަބަބުން ކަށަވަރުކަން އެއްކޮށް ގެއްލިގެންދެއެވެ. ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ޤާނޫނުލްޢުޤޫބާތު ތަންފީޒުވެގެން ދާއިރު، އެކި ރަށްރަށުގައި ތިއްބެވި ފަނޑިޔާރުންނަކީ އެކި މިންވަރުގެ މުޖްތަހިދުންނެވެ. އިސްލާމީ ޝަރީޢަތް އެންމެ ބޮޑަށް ދެނެވަޑައިގެން އެކަމުގެ ދިރާސާ މަތީ ދަރަޖައަކަށް ކުރެއްވި ކުރީގެ ޢިލްމުވެރިންގެ މެދުގައިވެސް ޙައްދުގެ ކުށްތަކުގެ ޢަދަދާމެދު  އިޚްތިލާފުވެފައި އޮއްވާ، އެކަން ކުރުން، ދިވެހި މުޖްތަހިދުންނާ ޙަވާލުކުރުމަކީ ކަށަވަރުކަން އިތުރުކުރުމުގެ މަބްދައާ ޚިލާފުކަމަކަށް ނޫނީ ނުވާނެއެވެ. ޤާނޫނުލްޢުޤޫބާތު 2004 ވަނަ އަހަރު ލިޔަން ފެށުނީ މިދެންނެވި ކަންތަކަށް ފަރުވާއެއް ހޯދުމަށެވެ.

އިސްވެދެންނެވި ކަންކަން އެގޮތުގެ މަތިން ހުރީތީ، މިއިޞްލާޙުގެ ސަބަބުން ދީނަކަށް ލިބޭނެ ނަޞަރެއް އޮތްކަމަކަށް އަޅުގަނޑު ބެލި ބެލުމަކުން ނުފެނުނެވެ. އަޅުގަނޑަށް ސިފަވަނީ، މިހާރު ޤާނޫނުލްޢުޤޫބާތުގައި ޙައްދު ޖެހޭނެ ގޮތަށް އޮތުމުން، އެކަން ރަނގަޅު ނުވެގެން، ޙައްދު ނުޖެހޭނެ ގޮތަކަށް ޤާނޫނު ބަދަލު ކުރީ ކަމަށެވެ. ޢަމަލީ ގޮތުން ވީ ގޮތަކީ އެއީއެވެ. ވީމާ، މިއިޞްލާޙް ތަޞްދީޤު ކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މިނުކުތާއާމެދު ވިސްނާވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.