ބޮލީވުޑް

ކަންގަނާ ދެން ކުޅޭނީ އެއާފޯސް ޕައިލެޓެއްގެ ރޯލު

ކަންގަނާ ރަނާވަތުގެ "ޕަންގާ" ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު ފިލްމަށް ކްރިޓިކްސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައި ވެއެވެ. އަދި ކަންގަނާގެ ފޭނުން ވެސް ބުނަނީ މިއީ ކަންގަނާ ކުރިން ކުޅުނު "ކުއީން" ފަދަ މޮޅު ފިލްމެއް ކަމަށެވެ. ކަންގަނާ މިހާރު ދަނީ މުޅިން އާ ފިލްމެއް ފަށަން ތައްޔާރު ވަމުންނެވެ. ރޯނީ ސްކްރޫވާލާގެ "ތޭޖަސް"ގައި ކަންގަނާ ކުޅެނީ އެއާފޯސް ޕައިލެޓެއްގެ ރޯލެވެ.

ސަރްވޭޝް މެވާރާ ޑައިރެކްޓްކުރާ މި ފިލްމާ ބެހޭ ގޮތުން އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ކަންގަނާ ބުނީ އޭނާ އަކީ ކުޑައިރުއްސުރެ ހަތިޔާރު އެޅި ސިފައިން ވަރަށް ކަމުދާ މީހެއް ކަމަށެވެ. އަދި ސިފައިންގެ މީހެއްގެ ރޯލު އަބަދުވެސް ކުޅޭހިތްވާ ކަމަށެވެ.

ބޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުގައި "ތޭޖަސް"ގެ ޝޫޓިން ކަންގަނާ ފަށާނީ އަންނަ ޖުލައި މަހު އެވެ. ސަބަބަކީ މި ފިލްމުގެ ޝޫޓިން އަށް ވަރަށް ވަރުގަދަ ތަމްރީނުތަކެއް އޭނާ އަށް ހަދަން ޖެހޭތީ އެވެ.

ކަންގަނާ ބުނެފައިވާ ގޮތުގައި "ތޭޖަސް" ކުޅެން އޭނާ ސޮއިކުރީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އަދި ފިލްމަށް ހަދަން ޖެހޭ ތަމްރީނުތައް ހެދުމަށްޓަކައި ޑައިރެކްޓަރު ސަރްވޭޝް މިހާރު ވަނީ ޕްރޮފެޝަނަލް އިންސްޓްރަކްޓަރެއް އޭނާއަށް ހޯދާދީފައި ކަމަށެވެ.

ކަންގަނާ މިހާރު ކުޅެމުންދާ ހަމައެކަނި ފިލްމަކީ ޖަޔަލަލީތާގެ ބައޮޕިކް ކަމަށްވާ "ތަލައިވީ" އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން 26 ވަނަ ދުވަހު އެވެ.