ދުނިޔެ

ތުރުކީ ބިންހެލުން: މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް

Jan 26, 2020

އަންކާރާ (ޖެނުއަރީ 26) - ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 29 މީހުން މަރުވެ، 1،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ތުރުކީގެ ވެރިރަށް އަންކާރާ އިރުން އޮންނަ އެލަޒީގް ސަރަހައްދަށް އިއްޔެ 6.8 މެގްނިޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމުގައި އެތަކެއް އިމާރާތެއް ވެއްޓި ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ ބިންހެލުމުގައި 30 އަށް ވުރެ ގިނަ އިމާރާތް ވެއްޓިފައިވާކަމަށް ލަފާ ކުރެވޭއިރު، އެ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެ ހާދިސާގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުނަށް ވަގުތީ ބޯހިޔާވަހިކަމާއި، ކާބޯތަކެތި ފޯރުކޮށް ދިނުމަށް ގިނަ އަދަެއްގެ ޓީމުތައް ސަރުކާރުން ވަނީ އެ ސަރަހައްދަށް ފޮނުވައިފަ އެވެ.

އަދި ބިންހެލުމުގައި ގެއްލުން ލިބިފައިވާ އިމާރާތްތަކަށް މީހުން ނުވަނުމަށްވެސް ސަރުކާރުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ބިންހެލުން އައުމުގެ ބިރު އަބަދުވެސް އޮންނަ ތުރުކީއަށް 1999 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމެއްގައި 18،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އަދި އެލަޒީގް ސަރަހައްދަށް 2010 ވަނަ އަހަރު އައި ބިންހެލުމެއްގައި 51 މީހުން ވަނީ މަރުވެފަ އެވެ.