ވިޔަފާރި

ކަސްޓަމްސްގެ ބައެއް ހިދުމަތްތައް އޮންލައިން ކޮށްފި

Jan 26, 2020

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ވިޔަފާރިވެރިން ނަށް ދޭ ދެ ހިދުމަތެއް އޮންލައިންކޮށް ދޭން ފަށައިފި އެވެ.

ދުނިޔޭގެ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮންލައިކޮށް އަލަށް ފެށި ހިދުމަތްތައް ތައާރަފުކޮށް ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ކަސްޓަމުން މިއަދު ތައާރަފުކޮށްފައި ވަނީ މުދާ ކްލިއަ ކުރަން ދޭ، އޮފް ޝޯ އޮންލައިން އެޕްލިކޭޝަން އާއި އިމްޕޯޓް/ އެކްސްޕޯޓް ރެޖިސްޓްރޭޝަން ހިދުމަތް އޮންލައިންކޮށް ދިނުމެވެ. މި ހިދުމަތުގެ ސަބަބުން ރާއްޖެ އަށް އެތެރެކޮށް އަދި ބޭރުކުރާ މުދަލުގެ ހިދުމަތްތައް ހަރުދަނާވެ، ފަސޭހަ ވެގެންދާނެ އެވެ. މި ހިދުމަތް ތަކަކީ ކުރިން ކަސްޓަމްސްގެ އޮފީސް ތަކަށް ގޮސްގެން ލިބޭ ހިދުމަތް ތަކެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ކަސްޓަމްސްއަކީ މުހިންމު ދައުރެއް އަދާ ކުރަ ތަނެއް ކަމަށެވެ.

"ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަަށް، ހާއްސަކޮށް މަސްތުވާ ތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމުގައި ކަސްޓަމްސްގެ ދައުރު ބޮޑު. ރާއްޖެ ހިމެނޭ އިންޑިޔާ ކަނޑުގެ ސަލަމާތާއި ރައްކާތެރި ކަމަށް ތަފާތު ގޮން ޖެހުންތައް ކުރިމަތިވެފައިވާ ދަނޑިވަޅުގައި، ރެއާއި ދުވާލު މި މަސައްކަތުގައި އުޅޭ ފަރާތްތަކަށް ޝުކުރު ދަންނަވަން،" މާރިޔާ ވިދާޅުވި އެވެ.

ކަސްޓަމްސް އިން މިއަދު ބޭއްވި ހަފުލާގައި މިދިޔަ އަހަރު އެންމެ ރަނގަޅަށް ހިދުމަތްދިން މުވައްޒަފުންނަށް ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ދެއްވާ ހާއްސަ ސެޓްފިކެޓް ދިނުން ވެސް އޮތެވެ. މި ސެންޓްފިކެޓް މިދިޔަ އަހަރު ރާއްޖޭގެ ކަސްޓަމްސްގެ 13 ޑިވިޝަނެއްގެ 19 މުވައްޒަފަށް ލިބިފައިވެ އެވެ. މި ފަރާތްތަކަށް ސެޓްފިކެޓް ދެއްވީ މިނިސްޓަރު މާރިޔާ އެވެ.