ދިވެހި ސިނަމާ

"ނޮވެންބަރު" ގެ ޝޫޓިން ނިންމާލީ ކުޑަހުވަދޫން

ޑާކްރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ނޮވެންބަރު" ގެ ޝޫޓިން ނިންމާލައިފި އެވެ.

"މާމުއި" ގެ ކާމިޔާބީއަށް ފަހު ޑާކްރެއިންއިން ގެނެސްދޭ ފިލްމު "ނޮވެންބަރަ" ކީ ލޯބީގެ އަސަރު ގަދަ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމުގެ ހުރިހާ މަންޒަރެއް ނަގާ ނިމިފައިވާ ކަމަށާއި އެންމެ ފަހުގެ މަންޒަރުތައް ނަގާފައިވަނީ މަންތާ އެއާގައި ދ. ކުޑަހުވަދޫއަށް ކުރި ދަތުރުގެ ތެރޭގައި ކަމަށެވެ.

ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުގެ މަންޒަރުތައް ސިންގަޕޫރުގައި ވެސް ވަނީ ނަގާފަ އެވެ. މޮގާ ބުނީ ފިލްމުގައި ވަރަށް ހިތްގައިމު މަންޒަރުތައް ހިމަނާފައިވާނެ ކަމަށާ ފިލްމުގެ 50 ޕަސެންޓް ނަގާފައި ވަނީ ސިންގަޕޫރުގައި ކަމަށެވެ. މީގެ އިތުރުން އައްޑޫ އާއި ބައެއް އެހެން ރަށްރަށުގައި ވެސް "ނޮވެންބަރު" ގެ މަންޒަރުތައް ވަނީ ނަގާފަ އެވެ.

"ނޮވެންބަރު" ގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. އަދި "މާމުއި" އިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އަލީ ޝިފާއުގެ އަންހެނުން އައިޝަތު ޔާދާ ވެސް "ނޮވެންބަރު" ން ފެނިގެންދާނެ އެވެ.

މީގެ އިތުރުން ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހުވެެސް މި ފިލްމުން ފެނިގެންދެއެވެ. މޮގާ ބުނީ ފިލްމުގައި އިސްމާއީލް ވަޖީހު ފެނިގެންދާނީ ވަރަށް މުހިންމު ރޯލަކުން ކަމަށެވެ. -އިސްމާއީލް ވަޖީހު ވަނީ ޑާކްރެއިންގެ "މާމުއި" އަދި "މީ ލޯތްބަކީ" ގައިވެސް ފެނިގެންގޮސްފައެވެ.

"ފިލްމުގައި ވަޖީހުގެ ދައުރު ވަރަށް މުހިންމު. ވަރަށް މުހިންމު ކެރެކްޓާއެއް އެއީ މި ފިލްމުގައި. އޭގެ އިތުުރުން ފާހަގަކޮށްލަން ބޭނުން އިސްމާއީލް މި މަސައްކަތަށް ތައްޔާރުވެފައިވާ މިންވަރު، އަދި އޭނާގެ އެކްޓިންގެ ފުރިހަމަކަން. ކުރިއެކޭ ހަމަ އެއްވެސް ތަފާތެއް ނެތް. ވަރަށް މޮޅު."

މީގެ އިތުރުން "ނޮވެންބަރު" ގައި އިސްމާއިލް ވަޖީހުގެ ދަރިފުޅު ތަރީޝް، ސިންގަރޫ ރައްޔިތެއް ކަމަށްވާ ޝެރަން އެންޖީވެސް ފެނިގެންދާނެ އެވެ.

ޑާކްރެއިންގެ 13 ވަނަ ފީޗާ ފިލްމު "ނޮވެންބަރަ" ކީ އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ.ޑައިރެކްޓްކުރާނީ ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެ އިތުރުން އައިޝަތު ފުއާދެވެ.

އެ ސްޓޫޑިއޯގެ ފިލްމު "ބަޅިނދު" ގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.