ދިވެހި ސިނަމާ

"ގޮށްރާޅު" އަދި "މާމުއި" ގެ ޓިކެޓް މިއަދު ވިއްކަން ފަށަނީ

ޑާކްރެއިން އެންޓަޓެއިންމަންޓުން މިދިޔަ އަހަރު ގެނެސްދިން ދެ ފިލްމަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލް ދެ ފިލްމެވެ. "ގޮށްރާޅު" އަދި "މާމުއި" ދެ ފިލްމުވެސް އޮލިންޕަހުން ނެގީ މުޅިންހެން ހައުސްފުލް ޝޯތައް ދެއްކުމަށްފަހު އެވެ.

އެ ދެ ފިލްމުވެސް އޮލިންޕަހުން ނަގަން ޖެހުނީ ފިލްމަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުންނެވެ. އެހެން ކަމުން "ގޮށްރާޅު" އަދި "މާމުއި" ބަލާލަން ބޭނުންވެފައި ތިބި އެތައް ބަޔަކަށް ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބުނެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން މިހާރު ގެންދަނީ "ގޮށްރާޅު" އަދި "މާމުއި" ބަލާލަން އިތުރު ފުރުސަތެއް ބެލުންތެރިންނަށް ދީފައެވެ.

އެގޮތުން "މާމުއި" ގެ ދެ ޝޯ އަދި "ގޮށްރާޅު" ގެ ދެ ޝޯ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. "މާމުއި" ގެ ދެ ޝޯ އޮންނާނީ ހައެއް އަދި އަށެއް ގައެވެ. "ގޮށްރާޅު" ގެ ދެ ޝޯ ދައްކާނީ އަންނަ މަހުގެ ފަސްވަނަ ދުވަހާއި، ހަތްވަނަ ދުވަހެވެ.

އަވަސްއާއި ވާހަކަދައްކަމުން ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ބުނީ "ގޮށްރާޅު" އަދި "މާމުއި" ގެ ޓިކެޓް މިއަދު ވިއްކަން ފަށާނެ ކަމަށެވެ. ޓިކެޓް ވިއްކާނީ ހަވީރު 4:00 ފެށިގެން 6:30 އަށް އަދި ރޭގަނޑު 8:00 ފެށިގެން 10:00 އޮޮލިންޕަހުގެ ޓިކެޓް ކައުންޓަރުންނެވެ.

ކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ގޮށްރާޅު" އެއީ މިދިޔަ އަަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި ފިލްމެވެ. އަސްލާ އެއްގޮތް އެތައް މަންޒަރުތަކަކާއެކު އުފައްދާފައިވާ މި ފިލްމަށް ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

ކްރައިމް ތްރިލާ ޖޯންރާ އަކަށް އުފައްދާފައިވާ މި ފިލްމު ޑައިރެކްޓުކޮށްދީފައިވަނީ އަހްމަދު ޝިނާން އެވެ. މިއީ އޭނާގެ ފުރަތަމަ ސޯލޯ ޑައިރެކްޝަން އެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދު އެވެ. އަދި ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭ ތައްޔާރުކުރީ މޫމިން ފުއާދު އެވެ.

"ގޮށްރާޅު"ގެ ލީޑު ކާސްޓުންގެ ގޮތުގައި ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފެނިގެންދާނެ އެވެ.

މީގެ އިތުރުން "މާމުއި" އަކީވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. ހެއްވާ މަޖާ އެތައް ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަކީ ޑާކްރެއިންގެ އެންމެ އަގުބޮޑު އުފެއްދުމެވެ.

ވަރަށް ހިތްގައިމު މަންޒަރުތަކާއެކު ނަގާފައިވާ "މާމުއި" ގެ 18 ޝޯ ދައްކާފައިވަނީ ހައުސްފުލްކޮށެވެ. އެއީ 2019 ގެ ރެކޯޑެކެވެ.

ޑާކްރެއިންގެ ކުރިއަށްވެސް ހުރީ ވަރުގަދަ ޕްރޮޖެކްޓްތަކެވެ. އެންމެ ފުރަތަމަ ބެލުންތެރިންނަށް ފެންނާނީ "ނޮވެންބަރު" އެވެ. "ނޮވެންބަރު" ގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. މިއީ ޑާކްރެއިންގެ ކަޕުލް ޖުމައްޔިލް އަދި މަޖޫގެ ފަހު ފިލްމެވެ. "މާމުއި" އިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އަލީ ޝިފާއުގެ އަންހެނުން އައިޝަތު ޔާދާ ވެސް "ނޮވެންބަރު" ން ފެނިގެންދާނެ އެވެ.

މީގެ އިތުރުން ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހުވެެސް މި ފިލްމުން ފެނިގެންދެއެވެ.

"ނޮވެންބަރު"ގެ ޕްރޮޑިއުސަރުންނަކީވެސް މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދެވެ. ޑައިރެކްޓް ކުރާނީ އައިޝަތު ފުއާދުގެ އިތުރުން އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދި ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލެވެ.

އެ ސްޓޫޑިއޯގެ ފިލްމު "ބަޅިނދު" ގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އަދި "ކައިވެނީގެ އަމާޒް" ނަމުގައި ފިލްމެއް ވަނީ އިއުލާނުކޮށްފައެވެ.