އުރީދޫ

އުރީދޫ ހިދުމަތް ވަރުގަދަ ކުރަން އިތުރަށް އިންވެސްޓް ކުރަނީ

އުރީދޫން ރާއްޖޭގައި ދޭ ހިދުމަތް މިހާރަށް ވުރެ، ވަރުގަދަ ކުރަން އިތުރަށް އިންވެސްޓް ކުރާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

އާ އަހަރަށް ހާއްސަކޮށްފައިވާ ބައެއް ޕްރޮގްރާމްތައް ލޯންޗް ކުރަން "މަރުހަބާ 2020" ގެ ނަމުގައި ހޮޓެލް ޖެންގައި މިރޭ ބޭއްވި ހާއްސަ އިވެންޓުގައި ވާހަކަ ދައްކަވަމުން، ޗީފް އޮޕަރޭޓިން އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން ވިދާޅުވީ މި އަހަރަކީ ވެސް އެ ކުންފުންޏާއި ދިވެހި ރައްޔިތުން އިތުރަށް ގާތް ވެގެންދާނެ އަހަރަކަށްވާނެ ކަމަށެވެ.

"ވިޔަފާރިތަކަށް ހާއްސަ ހިދުމަތްތަކާއި އާ ގިނަ ޕްރޮޑަކްޓްތަކެއް މި އަހަރު ވެސް ތައާރަފު ވާނެ. ޕާޓްނަރުންނާ ގުޅިގެން ރާއްޖެ ޑިޖިޓަލް ކުރަން މަސައްކަތް ކުރާނެ،" ނަޖީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުރީދޫން ރާއްޖޭގައި ހިދުމަތް ފެށިތާ 15 އަހަރުވެފައިވާއިރު، ކުންފުނީގެ ކުރިއެރުން ބޮޑު ތަނުން އިތުރު ވެއްޖެ ކަމަށެވެ.

"ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ކުންފުނި ވަނީ 22- 25 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައި. އަޅުގަނޑުމެން ބަލާނީ ދުނިޔެއަށް އަންނަ އެންމެ ފަހުގެ ހިދުމަތްތައް އެންމެ އަވަހަށް ރާއްޖެ ގެނެސްދޭން،" ނަޖީބު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ކުންފުނީގެ ކާމިޔާބީގައި ދިވެހި ރައްޔިތުންނާއި ޕާޓްނަރުންގެ ދަތުރު ބޮޑު ކަމަށެވެ.

"އުރީދޫން ވަނީ ރާއްޖޭގެ ޓެލެކޮމް އިންޑަސްޓްރީ އަށް އާ އަލިކަމާއި އުންމީދެއް ގެނެސްދީފަ. އަޅުގަނޑުމެންގެ ހުރިހާ ހިދުމަތްތަކެއްވެސް ގެނެސްދޭނީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާނެ ގޮތަށް،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫ ކަލަ ރަން ކުޅުދުއްފުއްޓަށް

އުރީދޫން ވަނީ މި އަހަރު އަލަށް ހިންގާނެ ބައެއް ހަރަކާތްތައް ވެސް މިރޭ އިއުލާނުކޮށްފަ އެވެ. މިގޮތުން އެ ކުންފުނިން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ކަލަރަން ކުޅުދުއްފުށީގައި މި އަހަރު ބާއްވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. ކަލަރަން މިހާރު ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް ބާއްވަ އެވެ. މީގެ އިތުރުން އައިޓީ ޕްރޮގްރާމިން އަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް އުރީދޫން ކުރި އަށް ގެންދާ "ނިރު އެކްސެލަރޭޓާ" ޕްރޮގްރާމްގެ އާ ބެޗެއް އަންނަ މަހު ފަށާނެ ކަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މި އަހަރު ސައިބަ ސޭފްޓީއަށް ރައްޔިތުން ހޭލުންތެރި ކުރުވަން ހާއްސަ ކެމްޕނެއް ހިންގަން ނިންމައި، އެ ކެމްޕޭން ވަނީ ލޯންޗު ކޮށްފަ އެވެ.

ކުރީގެ ވަތަނިއްޔާ ޓެލްކޮމް އަދި މިހާރުގެ އުރީދޫން ރާއްޖޭގައި ފޯނުގެ ހިދުމަތް ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ. އުރީދޫން ވަނީ އެ ކުންފުންޏަށް އެކި ގޮތްގޮތުން ވޭތުވެދިޔަ 15 އަހަރު ތެރޭގައި ހިދުމަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފަ އެވެ.