މީހުން

މާލެ ހިތްފަސޭހަ ވާނީ އަނަސް އައިސްގެން!

Jan 29, 2020
4

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ އޮންނަ ލޯކަލް ކައުންސިލް އިންތިހާބަކީ މިހާތަނަށް ދިވެހިންނާ ބައްދަލްކުރާނެ އެންމެ މުހިންމު ކައުންސިލް އިންތިހާބެވެ. އެއީ ތިން ދައުރަށް ފަހު ފުރަތަމަ ފަހަރަށް ފަސް އަަހަރުގެ ދައުރެއް ކައުންސިލްތަކަށް ލިބިގެންދާނެ އިންތިހާބެވެ. އަދި ގާނޫނީ ބޮޑެތި ބާރުތަކެއްދީ، މާލީ ގޮތުން ފުއްދުންތެރި ކަމާއެކު ކައުންސިލެއް ހިންގާ، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ލިބޭނެ އެންމެ ރަނގަޅު ފުުރުސަތު ވެސް މެއެވެ. އެހެން ކަމުން ކައުންސިލްތަކަށް، ސިޓީތަކަށް އަދި އަތޮޅުތަކުގެ ހިންގުންތެރިންނަށް ގާބިލް ބޭފުޅުން އިންތިހާބު ކުރުމުގެ މުހިންމުކަން އިންތިހާއަށް ބޮޑެވެ.


މާލެ ސިޓީގެ މޭޔަރުގެ މަގާމަށް މ. ބަޑިކުޅިމާގޭ އަނަސް އަބްދުއްސަތާރު ކުރިމަތިލެއްވުމަށް ނިންމެވީ މި ދެންނެވި ބަދަލުތަކާއެކު މާލޭގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގެ ގަދަ އަޒުމްގަ އެވެ. އަނަސް ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރުމަށް އެމްޑީޕީގެ ޓިިކެޓް ހޯދުމަށް މިމަހުގެ 31 ވަނަ ދުވަހު އޮންނަ ޕްރައިމަރީގައި ވާދަ ކުރައްވަން ހުށައަޅާފަ އެވެ.

އަނަސްގެ ނަޒަރުގައި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ހަގީގީ ވިސްނުމެކެވެ. ލާމަރުކަޒީ ނިޒާމެއް ފެށިގެން އައީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް އެ ނިޒާމް ފައްކާ ކުރުމުގެ ފުރުސަތު ނުލިބި ވެރިކަން ނިިމިގެންދިޔައީ އެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ސަރުކާރުން ގާނޫނުތައް ކޮށާ، މަށާ ލާމަރުކަޒީ ނިޒާމު ފުނޑާލީއެވެ. އެހެން ކަމުން މިފަހަރުގެ އިންތިހާބަކީ ގާނޫނަށް އަލަށް ގެނެވުނު ބަދަލާއެކު ލާމަރުކަޒީ ނިޒާމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ހޯދާ ދިނުމަށް ލިބޭނެ އެންމެ ފަހި ފުރުސަތެވެ.

އަނަސް ވިދާޅުވާ ގޮތުގައި މާޒީވެ ދިޔަ ދިގު ޒަމާންތަކަކީ މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އިހުމާލުވެވި، އަޅާ ނުލެވި ދިޔަ ދުވަސްތަކެކެވެ. އެހެން ކަމުން މިއީ އެކަންކަމަށް ނިމުން ގެނެސް މާލޭގެ ރައްޔިތުންގެ ކެކުޅުންތަކަށް ހައްލު ހޯދައި ދޭންޖެހޭ ވަގުތެވެ.

"މާލޭ ރައްޔިތުން އެބަ ދެކޭ މިފަހަރު އެ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ޖެހޭނެ ކަމަށް. ހާއްސަކޮށް ބޯހިޔާވަހިކަމާއި، މާލެއަކީ ހިތް ފަސޭހަ ތަނަކަށް ހެދުން." އަނަސް ވިދާޅުވިއެވެ.

މާލޭގެ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުން ދައްޗެވެ. ލިބިފައިވާ ގޯތި ފޮތިފޮތި ކޮށްގެން އުޅެނީ ވަރަށް ދަތި ހާލުގައެވެ. އެހެން ކަމުން އަނަސް ނިކުމެ ހުރީ އެ ތަކުލީފްތަކަށް ލުޔެއް ހޯދާ ދޭށެވެ. މާލެ އަކީ އަމާން، ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަގްސަދުގަ އެވެ.

އަނަސް ވައުދުވަނީ ތިން ކަމަކަށް

ރައްޔިތުންނަށް އަނަސް ވެވަޑައިގަންނަވާ މައިގަނޑު ތިން ވައުދަކީ މިއީ އެވެ. އެއީ މާލޭގައި އަމާންކަން ގާއިމްކޮށް، މާލެ އަކީ ހުރިހާ ގޮތަކުން ވެސް ރައްކާތެރި ތަނަށް ހެދުމެވެ. އަދި މާލޭގެ ރައްޔިތުންނަށްޓަކައި މިއީ ދިރިއުޅެން ހިތް ފަސޭހަ ތަނަކަށް ހެދުމެވެ.

އަމާން ކަމުގެ ވައުދުގެ ދަށުން ކުށުގެ ވެށި ނައްތާލާ، ވައްކަމާއި މާރާމާރީ ފަދަ ކަންކަމުން މާލެ ސިޓީ އަމާން ކޮށްދިނުމަކީ އަނަސްގެ އެންމެ ބޮޑު ވައުދެވެ. އެކަމަށް ހާއްސަކޮށް ސިޓީ ޕޮލިސްގެ މަސައްކަތްތައް ވަރުގަދަ ވެގެންދާނެ އެވެ.

"ސިޓީ ޕޮލިސް ހާއްސަ ވާނީ މާލެއަށް. އެ ބޭފުޅުންގެ މައިގަނޑު މަގްސަދަކަށް ވާނީ ސިޓީގެ ރައްކާތެރިކަމާއި އަމާންކަން ގާއިމް ކުރުން. އެހެންވީމަ ސިޓީ ޕޮލިސް އެހެން ތާކަށް މޫވްއެއް ނުކުރާނެ. ސިޓީ ޕޮލިސް ސީދީ އޮންނާނީ މާލެއަށް ފޯކަސް ވެފައި."

މީގެ އިތުރުން ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ކުރެވޭ އަނިޔާތައް ފަސޭހައިން ދެނެގަނެ، ހައްލު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ނޭބާ ހުޑް ވޮޗް ތައާރަފް ކުރުމަކީ ވެސް އަނަސްގެ ވިސްނުން ފުޅެކެވެ. އަނަސްގެ ނަޒަރުގައި ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަން ހައްލު ކުރުމުގައި އިސް ނަގަންވީ އިންތިހާބީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

"ރަސްމީ ސިފައެއްގައި ނާދެޔޭ ކިޔާފައި އެބަ ތިބޭ އަޅާ ނުލައި... އަޅުގަނޑު މި ނިކުތީ އެ ސިޔާސަތު ބަދަލުކުރަން. ރައްޔިތުން ނިކުމެ މަގާމުތަކަށް މީހުން އިންތިހާބު ކުރަނީ މި ކަންކަން ބަަލަން"

ރައްކާތެރިކަމުގެ ވައުދުގެ ދަށުން އަނަސްގެ ތަސައްވަރަކީ މާލޭއަކީ ނުރައްކާތެރި ހާދިސާތައް ހިނގުން މަދު ތަނަކަށް ހެދުމެވެ. މަގުތަކަކީ ރައްކާތެރި ތަންތަން ވުމެވެ. އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އަވަހަށް ނިއްވާލެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމެވެ. ގްރޭޓާ މާލޭގެ ކޮންމެ މަގަކީ ރޭގަނޑު ވަގުތުވެސް އަލިކަން އޮންނަ މަގުތަކަކަށް ހެދުމެވެ. އަދި ފެންބޮޑުވުން ފަދަ މައްސަލަތަކަށް ދާއީމީ ހައްލެއް ގެނައުމެވެ.

"މިސާލަކަށް މީގެ ކުރިން މާލޭގެ މަގުމަތީ ބަހައްޓާފައި ހުރި ހޮޅިދަނޑިއެއް ވެއްޓި ކުއްޖަކު މަރުވި، މިއީ ވަރަށް ބޮޑު ހިތާމައެއް. ހަގީގަތުގައި އެއީ ދައުލަތުން ޒިންމާވާންޖެހޭ ކަންކަން އަނެއްކޮޅުން އަލިފާނުގެ ހާދިސާތައް ހިނގައިފިނަމަ އެންމެ ފަހުން ކަން ހިނގާދިޔަ ގޮތް ބައްލަވާ. ހަގީގަތުގައި "ފަޔަރާ ހައިޑްރެންޓް" ޖެހެންވާނެ، އެ ފުރުސަތު ކުރިން ސަރުކާރުތަކަށް ލިބުނު މަޖީދީ މަގު އެއްކޮޅުން އަނެއް ކޮޅަށް ހަދާ ނިންމާލިއިރު، މިއީ ވަގުތު ނަގައިގެންވެސް ކުރަންޖެހޭ ކަންކަން"

އަނަސް ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިތުންނަކީ މިއަދު އެންމެ ނިކަމެތިކޮށް އުޅެން ޖެހިފައިވާ މީހުންނެވެ. ގޯތިގެދޮރު ނުހެދި އެތައް ބަޔަކު އަމިއްލަ ގެ ފޮތިފޮތިކޮށް ބަހައިގެން ދަތި ދިރިއުޅުމުގައި އުޅެން ޖެހިފައިވާ އާއިލާތައް މަދެއް ނޫނެވެ. އެހެންވީމަ އެ އާއިލާތަކަށް ތަނަވަސް ބޯހިޔާ ވަހިކަމެއް ހޯދައިދޭން ޖެހެއެވެ. ހާއްސަކޮށް ހުޅުމާލެއިން މާލެ ރައްޔިތުންނަށް ގޯތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އަނަސްގެ މުހިންމު ވައުދެކެވެ. އެންމެ ބޮޑު އެއް އުންމީދެވެ.

މިއީ ގޮންޖެހުން ކިތަންމެ ބޮޑު މަސައްކަތެއް ނަމަވެސް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށް އަނަސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލުމަކީ ގެންގުޅުއްވާ ހާއްސަ ވިސްނުން ފުޅެކެވެ. މާލޭގެ ކޮންމެ ބިމެއްވެސް ބޭނުން ކުރަން ޖެހޭނީ އެ ރައްޔިތުންގެ މަޝްވަރާއާއި ހިޔާލު ހޯދައިގެން ކަމަށް އަނަސް ވިދާޅުވިއެވެ.

"މިސާލަކަށް މިހާރުވެސް ސިޓީ ކައުންސިލުން ބައެއް ތަންތަން މިސާލަކަށް ސަހަރާތަކުގެ އެކި ބައިބައިތައް އެބަ ޕާކިންނަށް ހާއްސަ ކުރެވޭ. ނަމަވެސް އެކަންކަން ކުރުމުގައި ރައްޔިތުންގެ ވިސްނުން ހޯދަން ޖެހޭ. އަދި ސަހަރާގައި ވަޅުލާފައި ތިބި މީހުންގެ އާއިލާތަކުގެ ވިސްނުންވެސް ހުރި ގޮތް ބަލާލަންޖެހޭ. މި ތަންތަން ބޭނުން ކުރަން ތިބީ ރައްޔިތުން އެ ރައްޔިތުންނަށް ބޭނުންވާނެ ގޮތަށް ކަންކަން."


އަނަސް ވިދާޅުވީ އެ ގޮތަށް އަމަލު ކުރެވޭނަމަ ސިޓީ ކައުންސިލުން ނިންމާ ނިންމުމުގައި ހަރުދަނާކަން ހުރެފައި، ރައްޔިތުން ބަލައިގަންނާނެ ކަމަށެވެ.

އަދި މިހާރު ޕާކްތައް ހެދިފައިވާ ތަންތަނާއި، ޕާކިން ޒޯންތަކާއި ހިނގާފައި އުޅެވޭ ގޮތަށް ބަންދުކޮށްފައިވާ ކުދި ގޯޅިތަކުގެ ކަންކަމުގައިވެް އަލުން ރައްޔިތުންގެ ބަސް ހޯދާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

"ރައްޔިތުންގެ މައްޗަށް އަޅުގަނޑުމެން ކަންކަން ކަނޑައަޅައިގެން ކުރެވޭނެ ކަމެއް ނޯންނާނެ. އެއީ ތަންތަން ބޭނުން ކުރަން ތިބި މީހުން، އެހެންވީމަ ސިޓީ ކައުންސިލްވާން ޖެހޭނީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތް ކުރާ ބަޔަކަށް."

އެމްޑީޕީއަށް އަނަސްގެ ހިދުމަތް

2015 ވަނަ އަހަރުން ފެށިގެން އަނަސްއަކީ އެމްޑީޕީގެ އިދާރީ ހިންގުމުގައި އެންމެ އިސް ބޭފުޅެވެ. ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތަކާއެކު އަނަސް ވަނީ މަސައްކަތް ކުރައްވާފައެވެ.

އޭގެ ފުރަތަމަ ކަމަކަށް 2015 ވަނަ އަހަރު ރައީސް ނަޝީދު ހައްޔަރުކޮށް ދައުވާ އުފުލުން ހިމެނެއެވެ. އަދި އޭގެ ފަހުން ކުރީ ސަރުކާރުން ގާނޫނު އަސާސީއާއި ހިލާފަށް އެތައް ކަމެއް ކުރަން ފެށުމުން ގާނޫނު އަސާސީގެ ދިފާއުގައި ޕާޓީތައް ގުޅިގެން ކުރި މަސައްކަތްވެސް ފާހަގަކޮށްލެވެއެވެ..އެއިން ކޮންމެ މަސައްކަތެއްގައި އަނަސްގެ ބައިވެރިވުން ބޮޑެވެ. މިއަދު އަނަސް އެ ގެންދަވަނީ ކާމިޔާބު ކަމާއެކު އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ފަސް އަހަރު ދައުރު ނިންމަވާލައްވަމުންނެވެ.

މީގެ އިތުރުން އެމްޑީޕީއާއި ޕާޓީގެ މެންބަރުންނަށް ސަރުކާރުގެ ފަރާތުން އެތައް ދުއްތުރާތަކާއި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. ޕާޓީގެ ދަފްތަރާ ކުޅެ މެންބަރުން މަދު ކުރުމުގެ އަޑި ނޭންގޭ މަސައްކަތްތަކެއް މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ކުރަމުންދިޔައެވެ. އެހެން ކަމުން ރެއާއި ދުވާލު އެ މަސައްކަތް ކާމިޔާބުވިޔަ ނުދިނުމަށް އެމްޑީޕީގެ ހިތްވަރު ގަދަ ޓީމް މަސައްކަތް ކުރިއެވެ. އެ މަސައްކަތުގައިވެސް އެމްޑީޕީގެ އެސްޖީ ދެއްކެވީ ވަރުގަދަ ހިތްވަރެކެވެ.

އެމްޑީޕީގެ މެންބަރުންނަށް މެސެޖެއް

އަނަސްގެ ފަރާތުން އެމްޑީޕީގެ މެންބަރުންނަށް އޮތީ ވަރަށްވެސް ހާއްސަ މެސެޖެކެވެ. ނިމިދިޔަ ކޮންމެ އިންތިހާބެއްގައި މާލެ ސިޓީގެ ރައްޔިތުން އެމްޑީޕީއަށް ވޯޓް ދެއްވިއެވެ. ނަމަވެސް ކައުންސިލްތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނީ ތަފާތު ސަބަބުތަކާ ހެދިއެވެ.

ނަމަވެސް ކުރިއަށް އޮތީ އެ ގޮންޖެހުންތައް ނެތް ފަހި ދުވަސްތަކެކެވެ. އެހެންވީމަ މާލެއަށް ބަދަލު ގެނެވޭނެ، މާލޭގެ ރައްޔިތުންގެ އިހުސާސްތައް ދަންނަ ބޭފުޅަކަށް އެމްޑީޕީގެ ޕްރައިމަރީން ފުރުސަތު ދޭން ޖެހެއެވެ. ކައުންސިލް އިންތިހާބު ނިމި އަހަރުތައް ފަހުން އައު އިންތިހާބުތަކާއި ކުރިމަތިލާން އެމްޑީޕީން ދާން ޖެހެނީ ނަތީޖާ ދައްކައިދީފައެވެ. އެހެން ކަމުން އެމްޑީޕީގެ ޓިކެޓް ދޭން ޖެހޭނީ އެފަދަ ބޭފުޅަކަށެވެ.

"އެމްޑީޕީގެ މެންބަރުން ބަލާނެ ހިދުމަތުގެ ރެކޯޑަށް، އަދި ކަންކަން ކުރެވޭނެ ނުވަތަ ކޮށްދޭނެ މީހަކީ ކޮބައިތޯ ބަލާނެ. މީހުންނާއި ގުޅިގެން މަސައްކަތް ކުރެވޭނެ މީހަކީ ކޮބައިކަން އެމްޑީޕީގެ މެންބަރުން ބަލާނެ. ދެން އޮތީ މޭޔަރެއްގެ ހައިސިއްޔަތުން ރައްޔިތުންނާއެކު މަސައްކަތް ކުރާނެ މީހަކީ ކޮބައިކަން އެމީހުން ދެނެގަންނާނެ."

ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަކީ އެމްޑީޕީގެ އާންމު މެންބަރުން ވަރަށް ބޮޑަށް ވިސްނަންޖެހޭ އިންތިހާބެކެވެ. މިއީ ނަތީޖާ ނެރެދޭނެ ބޭފުޅަކަށް ފުރުސަތު ދޭންވީ ވަގުތެވެ.