ރައްޔިތުންގެ މަޖިލިސް

ރަށްރަށް ގިރާ މައްސަލަ ކޮމިޓީން ދިރާސާކޮށް ރިޕޯޓެއް އެކުލަވާލަނީ

ރާއްޖޭގެ ބައެއް ރަށްރަށް ފަހަކަށް އައިސް އާދަޔާ ހިލާފަށް ވަރަށް ބޮޑަށް ގިރަމުންދާ މައްސަލަ އެންވަޔަރަމެންޓް މިނިސްޓްރީ އާއި ކަމާ ބެހޭ އެހެން މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ރިޕޯޓެއް އެކުލަވާލަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެންވަޔަރަމެންޓް ކޮމިޓީން ބޭއްވި މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކޮމިޓީ ބައްދަލުވުން އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލުމުން، ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ޖަމިއްޔާތަކުގައި މަސައްކަތް ކުރާ ބައެއް މީހުނާއި އާންމުންގެ ތެރެއިން ބައެއް މީހުން ކޮމިޓީއަށް ވަދެ ތިއްބެވެ.

މި ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންސާނުން ކުރާ ނޭދެވޭ ބައެއް އަމަލުތަކާއި ސަރުކާރުން ހިންގާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރު ފޯރަމުންދިޔަ ނަމަވެސް ފަހަކަށް އައިސް ރަށްރަށް ގިރަމުން ގޮސްފައި ވަނީ މޫސުމަށް އައި ބައެއް ބަދަލުތަކާ ގުޅިގެން ކަން ފާހަގަ ކުރެވޭ ކަމަށެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ މައްސަލަ އިތުރަށް ދިރާސާކޮށް ދިނުމަށެވެ.

"މޫސުމަށް އަންނަ މިފަދަ ބަދަލުތަކާ ގުޅިގެން މައްސަލަ ހައްލު ކުރަން ހަގީގަތުގައި ސަރުކާރަށް ކުރެވޭ މާ ބޮޑު ކަމެއް ނޯންނާނެ، ދުނިޔޭގެ އެއްވެސް ސަރުކާރަކަށް، ވަގުތުން ހައްލު ގެނެވޭ ވަރުގެ ކަހަލަ ކަމެއް ނޫން މިއީއެއް، ދިމާވެގެން މި އުޅެނީ އަޅުގަނޑުމެން ކުރި ކަމަކާ ގުޅިގެން އައިސްގެން އުޅޭ ވަރުގެ ކަމެއް ނޫން، މި ކަމާ ގުޅިގެން އިތުރަށް ވާހަކަ ދައްކައި ދިރާސާކޮށް، ހައްލު ކުރަން އާ ގޮތްތަކެއް، އެހެން ގޮތްތަކެއް ހޯދަން އެބަ ޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި މަޖިލީހުގެ މެންބަރުން ވެސް އެ މައްސަލަ ފާހަގަ ކުރެއްވި އެވެ. އެ ގޮތުން މިދިޔަ އެހެން އަހަރުތަކާ ހިލާފަށް ދިގު މުއްދަތަކަށް ރަށްރަށަށް ހަޅަ ޖަހަމުން ގޮސްފައިވާ ކަމަށް ކޮމިޓީގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ފާހަގަ ކުރެއްވި އެވެ. މައްސަލައާ ގުޅިގެން މިނިސްޓްރީން އެކަށީގެންވާ ރެސްޕޮންސެއް ދީފައި ނުވާ ކަމަށް ވިދާޅުވެ މެންބަރުން ކަންބޮޑުން ފާޅުކުރެއްވި އެވެ.

އާންމުންގެ ތެރެއިން ވެސް ދެ މީހަކަށް ވާހަކަ ދައްކަން ފުރުސަތު ދިނެވެ. އެ ގޮތުން ސޭވް މޯލްޑިވްސް ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކި އަހްމަދު މުހައްމަދު (ފޯމީ) ވަނީ މޫސުމަށް އައިސްފައިވާ ބައެއް ބަދަލުތަކާއެކު ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން އެއްވެސް ރޭވުމެއް ނެތި ބައެއް ފަޅުތައް ހިއްކަމުން ގެންދިއުމާއި ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާ މައްސަލަ އޭނާ ފާހަގަކުރި އެވެ.

އޭގެ ފަހުން ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މެންބަރުންނާއި އާންމުންގެ ތެރެއިން ވާހަކަ ދެއްކި މީހުންގެ ހިޔާލުތަކަށް ބަލާއިރު، ހަތަރު ކަމެއް ކުރަން ކޮމިޓީގެ މެންބަރުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން މިނިސްޓްރީ އާއި ކަމާ ބެހޭ މުއައްސަސާތަކުން އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތް ކޮމިޓީން ރިވިއު ކުރުމަށާއި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ކޮމިޓީއަށް ހާޒިރުކޮށް އިތުރު މައުލޫމާތު ހޯދައި މަޝްވަރާ ކުރުމުގެ އިތުރުން އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލު ކަމަށް އެ މައްސަލަ ގެންދިއުން ހިމެނޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭގެ އިތުރުން ރަށްރަށް ގިރުމުގައި އާންމު ގޮތެއްގައި ދިމާވާ މައްސަލަތަކާ ތަފާތު ގޮތަކަށް އާދަޔާ ހިލާފަށް ރަށްރަށް ގިރުން އިތުރުވެފައިވާތީ އެ މައްސަލަ އިތުރަށް ދިރާސާ ކުރަން ޖެހޭތީ މިނިސްޓްރީއާއި ކަމާ ބެހޭ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ކޮމިޓީން މައްސަލަ ދިރާސާކޮށް ރިޕޯޓެއް އެކުލަވާލަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ، ކޮމިޓީން ދިރާސާކޮށް އެކުލަވާލާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ކަމަށެވެ. އަދި އެކުލަވާލާ ރިޕޯޓާ ގުޅިގެން މަޖިލީހުގެ ތަޅުމުން ފާސް ކުރާ ގޮތަކާ އެކު މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރިއަށް ގެންދަވާނީ ކަމަށް ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީން މީގެ ކުރިން ވެސް ރާއްޖޭން ޕްލާސްޓިކް މަދު ކުރުމާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލައި، ކުރަން ޖެހޭ ބައެއް ކަންކަން ފާހަގަކޮށް ގަރާރެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. އަދި މަޖިލީހުގެ ތަޅުމުން ވަނީ އެ ގަަރާރު ފާސްކޮށްފަ އެވެ.