ދުނިޔެ

ބްރެކްސިޓް އެއްބަސްވުން އީޔޫ ޕާލިމަންޓުން ފާސްކޮށްފި

Jan 30, 2020

ބްރަސަލްސް (ޖެނުއަރީ 30) - އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމާ ގުޅޭގޮތުން އެކުލަވާލި އެއްބަސްވުން ޔޫއަޕިއަން ޕާލިމަންޓުން ފާސްކޮށްފި އެވެ.

ބްރެކްސިޓް ވިތުޑްރޯއަލް އެގްރީމަންޓް ފާސްވީ 621 މެންބަރުންގެ ތާއީދާއެކު އެވެ. އެ އެއްބަސްވުމާ ދެކޮޅަށް 49 މެންބަރަކު ވޯޓު ދެއްވި އެވެ.

އެގްރީމަންޓާ ގުޅޭގޮތުން އީޔޫ ޕާލިމަންޓްގައި ކުރިއަށްދިޔަ ބަހުސްގައި، ހާއްސަކޮށް ޔޫކޭ މެންބަރުން ވަނީ އީޔޫން ވަކިވާންޖެހޭތީ ވަރަށް ބޮޑަށް ހިތާމަކުރާކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެވެސް ދުވަހަކުން އީޔޫ އާ އަލުން ގުޅެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އީޔޫ އާއި ޔޫކޭ އާ ދެމެދު މިދިޔަ އޮކްޓޯބަރު މަހު އެއްބަސްވެވުނު ގޮތަށް އީޔޫ ޕާލިމަންޓުން ފާސްކޮށްފައިވާއިރު، އީޔޫގެ މެންބަރުކަމުން އިނގިރޭސި ވިލާތް ރަސްމީކޮށް ވަކިވުމަށް ކަނޑައެޅި ސުންގަޑި މާދަމާ އަށް ހަމަވާނެ އެވެ.

އީޔޫގެ މެންބަރުކަމުން ވަކިވިޔަސް، މޫސުމަށް އަންނަ ބަދަލުތައް ފަދަ މުހިންމު ނިންމުންތަކުގައި ދެ ފަރާތް ގުޅިގެން އަދިވެސް މަސައްކަތް ކުރާނެކަމަށް އުއްމީދުކުރާކަމަށް ޔޫރަޕިއަން ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ދެންވާނީ ކިހިނެއް؟

އިނގިރޭސި ވިލާތް އީޔުން ވަކިންވުމަށްފަހު، 11 މަހުގެ ޓްރާންސިޝަން މުއްދަތެއް ފެށޭނެ އެވެ. އަދި މުސްތަގުބަލުގައި ދެ ފަރާތުގެ ވިޔަފާރީގެ ގުޅުން އޮންނާނެ ގޮތުގެ މަޝްވަރާތައް އަންނަ މާޗު މަހުގެ ތެރޭގައި ފެށުމަށްވަނީ ހަމަޖައްސައިފަ އެވެ.

ނަމަވެސް، މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ ހުރިހާ މަޝްވަރާތައް ނިންމަން ޔޫކޭން ބޭނުންވެ އެވެ. އެ މުއްދަތުގެ ތެރޭގައި ޔޫކޭއިން އަދިވެސް އީޔޫގެ ގަވައިދުތަކަށް އިހުތިރާމްކުރަންޖެހޭނެ އެވެ. ނަމަވެސް، އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެ ހުރިހާ މަޝްވަރާތަކެއް ނިންމައި، ދެ ފަރާތުން އެއްބަސްވެވޭ އުސޫލުތަކެއް އެކުލަވާލަން ދަތިވާނެކަމަށް އީޔޫ ޕާލިމަންޓްގެ ރައީސް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.