ހަބަރު

ބީއެމްއެލްއަށް ހަތަރު ވަނަ ކުއާޓަރުގައި ސާފު ފައިދާ 200 މިލިއަނަށް ވުރެ މަތީގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު މިދިޔަ އަހަރު މާލީ ހިސާބުތަކުގެ މައްޗަށް ބިނާކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ޓެކްސް އަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 209 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ހިންގުމުގެ ހަރަދާއި އިންވެސްޓްމަންޓް އަދި ޕްރޮވިޝަން ޗާޖު އިތުރުވެފައިވީ ނަމަވެސް ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުން ވެސް ރަނގަޅު ފައިދާއެއް ހޯދާފައިވާ ކަމަށާއި ބޭންކުގެ އެސެޓް 491 މިލިއަނާ ހަމަޔަށް އިތުރުވެފައިވާއިރު ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީ ގައި ހިފެހެއްޓިފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އޮޑިޓް ނުކުރާ މާލީ ހިސާބު ތަކަށް ބަލާއިރު ހިންގުމުގެ ފައިދާ ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ދެ ޕަސެންޓު އިތުރުވެފަ އެވެ. އަދި ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި ވަނީ 962 މިލިއަން ރުފިޔާ ލިބިފައިވާއިރު ހިންގުމުގެ ހަރަދާއި ޕްރޮވިޝަން ޗާޖު އިތުރު ވެފައިވާތީ މިއީ ކުރީ އަހަރާ އަޅާބަލާއިރު ދަށް އަދަދެއް ކަމަށް ވެސް ތަފާސް ހިސާބު ދައްކަ އެވެ.

ބޭންކުން ދޫކޮށްފައިވާ ލޯނުއިތުރުވެ، ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހޯދުނު ކާމިޔާބާއެކު ބޭންކުގެ ބެލެންސް ޝީޓަށް ވަނީ ތިން ބިލިއަން ރުފިޔާގެ ކުރިއެރުމެއްލިބިފަ އެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ބީއެމްއެލް އިން ވަނީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގައި ބިޒްނަސް ސެންޓަރ ހުޅުވައިފަ އެވެ. އަދި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފައިިސާގެ މުއާމަލާތް ކުރެވޭނެ ހިދުމަތްތައް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެ އަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ.ވެލިދޫގައި ބްރާންޗެއް ވަނީ ގާއިމްކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ކުރިއަށްގެންދާ 'އަހަރެންގެ ބޭންކު' ޕްރޮގްރާމްގެ ދަށުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަަމައަށް ފައިދާ ކުރަނިވި ޕްރޮޖެކްޓްތަކަށް ނިމިދިޔަ އަހަރު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކޮމިއުނިޓީ ފަންޑުގެ ދަށުން ފާއިތުވެދިޔަ ކުއާޓަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުއަށް ފައިދާ ކުރަނިވި 10 ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އަދި ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް އެ ބޭންކުން މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފައިވާ ކަމަށްވެސް ބޭންކުން ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއަހަރުވެސް އެ ބޭންކުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ. މިގޮތުން އިތުރުވަމުން އަންނަ ކަސްޓަމަރުންގެ ޑިމާންޑަަށް ބަލައި، ކަސްޓަމަރުންނަށް ފުރިހަމަކަމާއި ފަސޭހަމަކާއެކު ބޭނުންކުރެވޭނެ ހިދުމަތް ދިނުމަށް ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ސޯޔާ ވިދާޅުވީ މި ކުއާޓަރުގައި އިތުރު ސެލްޕް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމް ކުރެވިގެންދާނެ ކަމަށާއި އަދި އެކައުންޓް އޯޕަނިން ސެންޓަރަކާއި ލޯން ސެންޓަރެއް ވެސް ހުޅުވިގެން ދާނެ ކަމަށެވެ. މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރާ ލޯނާއި ފައިނޭސިން ޕްރޮޓަކްޓް ތަކަށް ވެސް ހެޔޮ ބަދަލު ތަކެއް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.