ދުނިޔެ

އިނގިރޭސިވިލާތް އީޔޫގެ މެންބަރުކަމުން ވަކިވެއްޖެ

Feb 1, 2020

ލަންޑަން (ފެބްރުއަރީ 1) - ޔޫރަޕުގެ ގައުމުތަކުގެ އިއްތިހާދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ރަސްމީކޮށް ވަކިވެއްޖެ އެވެ.

އީޔޫގެ މެންބަރެއްގެ ގޮތުގައި ޔޫކޭ އޮންނަތާ 47 އަހަރު ފަހުން، އެ އިއްތިހާދުން ވަކިވެފައިވަނީ އެކަމަށްޓަކައި ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓެއް ނެގުނުތާ ތިން އަހަރު ފަހުންނެވެ.

ޔޫކޭ ގަޑިން ރޭ ދަންވަރު 12:00 އަށް ރަސްމީކޮށް ސުންގަޑި ހަމަވިއިރު، ގައުމުގެ އެކި ސަރަހައްދުގައި އެއް ބަޔަކު އުފާފާޅު ކުރަމުންދިޔައިރު، އަނެއް ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖުކޮށްފަ އެވެ.

މުޅި ގައުމު އަލުން އެކަތިގަޑަކަށް ހަދައި، ކުރިއަށް ގެންދިޔުމަށް ޔޫކޭގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ސުންގަޑި ހަމަވުމުގެ އެއް ގަޑިއިރު ކުރިން ބޮރިސް ޖޯންސަން ފޭސްބުކްގައި ޝާއިއުކުރެއްވި މެސެޖެއްގައި ވިދާޅުވީ އީޔޫން ވަކިވުމާއެކު ރައްޔިތުން ކުރަމުންއައި އުއްމީދު ހަގީގަތަކަށްވެފައިވާ ކަމަށެވެ.

"މިއަދު އެންމެ މުހިންމު ވާހަކައަކަށް ރައްޔިތުންނަށް ދަންނަވާލަން އޮތީ، މިއީ ނިމުމެއް ނޫނޭ. މިއީ ފެށުމެކޭ،" ޖޯންސަން ވިދާޅުވި އެވެ.

އިނގިރޭސި ވިލާތް އީޔުން ވަކިންވުމަށްފަހު، 11 މަހުގެ ޓްރާންސިޝަން މުއްދަތެއް ފެށޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި މީހުން ވަދެ ނުކުތުމާއި، ވިޔަފާރީގެ ގުޅުމަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އަދި އެ މުއްދަތުގައި ޔޫކޭން ތަބާވާނީ އީޔޫގެ ގަވައިދުތަކާއި އުސޫލުތަކަށެވެ.

މުސްތަގުބަލުގައި ދެ ފަރާތުގެ ވިޔަފާރީގެ ގުޅުން އޮންނާނެ ގޮތުގެ މަޝްވަރާތައް އަންނަ މާޗު މަހުގެ ތެރޭގައި ފެށުމަށްވަނީ ހަމަޖައްސައިފަ އެވެ. ޔޫކޭން އުއްމީދުކުރަނީ އީޔޫއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އެފަދަ ބޮޑެތި ނިންމުންތައް ނިންމައި، އެއްބަސްވުމަކާ ހަމައަށް އައުމަށް ދަތިވާނެކަމަށް ޔޫރަޕުގެ ބައެއް ލީޑަރުން ވަނީ ވިދާޅުވެފަ އެވެ.