ދުނިޔެ

ހަމަނުޖެހުމުގެ ތެރެއިން އިރާގުގެ އާ ބޮޑުވަޒީރަކަށް އަލާވީ

Feb 2, 2020

ބަޣުދާދު (ފެބްރުއަރީ 2) - ހަމަނުޖެހުން ބޮޑުވެފައިވާ އިރާގުގެ ބޮޑުވަޒީރަކަށް ކުރީގެ ކޮމިޔުނިކޭޝަންސް މިނިސްޓަރު މުހައްމަދު ތައުފީގު އަލާވީ އައްޔަން ކުރައްވައިފި އެވެ.

ބޮޑުވަޒީރުގެ މަގާމު ހުސްވެފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށް، އެ މަގާމަށް އަލާވީ އައްޔަނު ކޮށްފައި ވަނީ، ހޮނިހިރު ދުވަހުގެ ކުރިން އެކަން ނުކޮށްފިނަމަ، އަމިއްލަފުޅަށް އެކަން ކުރައްވާނެ ކަމަށް އިރާގުގެ ޕާލިމަންޓަށް، އެ ގައުމުގެ ރައީސް ބަރްހާމް ސޯލިހު އިންޒާރު ދެއްވާފައި ވަނިކޮށެވެ.

ނަމަވެސް، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިރާގުގެ މަޝްހޫރު ތަހުރީރު ސްކޮޔާއަށް އެއްވެ، ސަރުކާރާ ދެކޮޅަށް އެތަކެއް ހާސް އާންމުން ކުރަމުންދާ މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރެވުނު އަލާވީ ބަލައި ނުގަންނަ ކަމަށް ބުނެފަ އެވެ.

އާންމުން ނުކުމެ ކުރަމުންދާ މުޒާހަރާގައި ގޮވަމުން ދަނީ، މިހާރު ވެރިކަމުގައި ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން އިސްތިއުފާ ދެއްވައި، ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް މިނިވަންކަމާއެކު ތަހުގީގު ކުރުމަށެވެ. މިނިވަން ބޮޑުވަޒީރަކު އައްޔަނުކު ރުމަކީ ވެސް އެމީހުން ކުރާ ޑިމާންޑެކެވެ. އެގޮތުން، އަލާވީއަކީ މިހާރު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ބޭފުޅެއް ކަމަށާއި، އޭނާ އެ މަގާމަށް އައްޔަން ކުރުން ބަލައި ނުގަނެވޭނެ ކަމަށް އެ މީހުން ދަނީ ގޮވަމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު 30 ވަނަ ދުވަހު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި އާދިލް އަބްދުލް މަހުދީ އިސްތިއުފާ ދެއްވީ ވެސް، އިރާގުގައި ހަމަނުޖެހުން ބޮޑުވެގެންނެވެ.