ހަބަރު

ވިހެއުމުން ލިބޭ ޗުއްޓީ ފަނޑިޔާރުންނަށް ދެނީ

ވިހެއުމާއި ގުޅިގެން އަންހެނުންނަށްދޭ ހަ މަހުގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމާއި ގުޅިގެން ފިރިމީހާއަށްދޭ އެއް މަހުގެ ޗުއްޓީ ފަނޑިޔާރުންނަށްވެސް ލިބޭނެ ގޮތް ހެދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ފަނޑިޔާރުންނަށް ދެވޭ ޗުއްޓީގެ ތެރޭގައި ވިހެއުމާއި ގުޅިގެން އަންހެނުންނަށްދޭ ހަ މަހުގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމާއި ގުޅިގެން ފިރިމީހާއަށްދޭ އެއް މަހުގެ ޗުއްޓީ ހިމެނުމަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ފެންނަ ކަމަށް އެ ކޮމިޝަންގެ މިއަދުގެ ބައްދަލްވުމުގައި ނިންމާފައިވާ ކަމަށެވެ.

އަދި އެ ނިންމުން ދައުލަތުގެ ބަންޑާރަ ނާއިބާއި ރައްޔިތުންގެ މަޖިލީހުގައި ދެންނެވުމަށް ނިންމާފައިވާ ކަމަށެވެ.

ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭނެ ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރެއްވީ އަންހެނުން ދުވަސް ފާހަގަކުރުމަށް މާޗް 7، 2019 ގައި ބޭއްވި ޖަލްސާއެއްގައެވެ.

ސަރުކާރުގައި ވާޒީފާ އަދާކުރާ މަންމައަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަހުގެ ޗުއްޓީ އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސްގެ އެ ނިންމެވުމާއެކު ވަރަށް ގިނަ އަމިއްލަ ފަރާތްތަކުންވެސް ވަނީ އެ ނިންމުން ނިންމާފައެވެ. އަދި ކައުންސިލަރުންނާއި، ސިފައިންނާ ފުލުހުންނަށްވެސް އެ ފުރުސަތު ދިނުމަށް ވަނީ މަޝްވަރާކޮށްފައެވެ.