ވިޔަފާރި

ކޫއްޑޫ އާއި ފެލިވަރުގެ ކެޕޭސިޓީ އިތުރު ކުރަން ބޮޑު މަޝްރޫއެއް

ކޫއްޑޫ އާއި ފެލިވަރު ކެޕޭސިޓީ އިތުރު ކުރަން މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހި މަސްވެރިކަން ތަރައްގީކުރަން ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށާ، މަސްވެރިންނާއި އޮޑިވެރިންގެ އަމިއްލަ މަސައްކަތުން މަސްވެރިކަން ކުރިއަރުވައި ތަރައްގީކުރިއިރު، އެއާ ގާތްކުރާ މިންވަރަށް ވެސް މަސްވެރިކަމުގެ ޞިނާއަތް ކުރިއެރުވުމުގެ ރަނގަޅު ސިޔާސަތެއް ކުރީ ސަރުކާރުތަކުން ގެންގުޅެފައެއް ނެތް ކަމަށެވެ.

މަސްވެރިކަން ތަރައްގީ ކުރުމުގެ ގޮތުން، ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، މިހާރު ހުރި 2000 ޓަނުން 6000 ޓަނަށް ބޮޑުކޮށް، އަދި ފެލިވަރުގެ ކެޕޭސިޓީ 4000 ޓަނަށް އިތުރުކުރުމަށް މިއަހަރުގެ ތެރޭގައި އިންވެސްޓް އިންވެސްޓް ކުރާނެކަން ރައީސް އިއުލާނު ކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސްވެރިންގެ އެހެން ޝަކުވާތަކަށް ވެސް ސަރުކާރުން ޙައްލު ހޯދައިދެމުން އަންނަ ކަމަށެވެ.

"ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް، ލޭނު މަސްވެރިކަމަށް ދީފައި އޮތް ހުއްދަތައް، ބޮޑުކަންނެލީގެ މަސްވެރިންގެ އެދުމާ އެއްގޮތަށް، މިހާރު ވާނީ ބާތިލު ކޮށްފައި. އަދި މަސްވެރި އުޅަނދުފަހަރަށް ގެންނަ އިންޖީނާއި، ދޯނި ބަނުމަށް ބޭނުންވާ ފައިބަރާއި ރެސިން އަދި މަސްވެރިކަމަށް ބޭނުންކުރާ ބައެއް އާލާތްތަކުގެ އިމްޕޯޓް ޑިއުޓީ މިއަހަރުގެ ތެރޭގައި ކަނޑައިލެވޭނެ،" ސޯލިހު ވިދާޅުވި އެވެ.

އައްޑޫ ޑީކޮޕްރެސަރު ޗެމްބަރުގެ ހިދުމަތް ފަށަނީ

އިތުރަށް ވިދާޅުވީ މަސްވެރިން އެންހޯދަން ފީނުމުގެ ތެރޭގައި ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި ރައްކާތެރި ގޮތުގައި ފީނުމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ފެށިގެންދާނެ ކަމަށާ އަދި އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ހިދުމަތް، އަންނަ މާޗު މަހުގެ ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ދަނޑުވެރިން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ، އެފަރާތްތަކުގެ އުފެއްދުންތައް މާކެޓްކޮށް، ވިއްކާ އަދި، ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެން ދިއުން. މިގޮތުން، ސަރުކާރު ޙިއްޞާވާ އެގްރި ކުންފުންޏެއް އުފައްދައި، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ އިންތިޒާމްތައް މި އަހަރު ތެރޭގައި ހަމަޖެހިގެން ދާނެ،" ސޯލިހު ވިދާޅުވި އެވެ.