ހަބަރު

ޝިދާތާއާ އީނާޒް މަގާމުން ދުރު ކުރަން ގޮވާލައިފި

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް އައިމިނަތު އީނާޒް، އެ މަގާމުން ދުރު ކުރުމަށް ވޮއިސް އޮފް ޗިލްޑްރަން މޯލްޑިވްސް އިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން މިހެން ގޮވާލާފައިވަނީ ކުޑަކުދިންގެ މައްސަލަތަކާ ގުޅޭ ބޮޑެތި ޑިމާންޑްތަކެއްކޮށް އެ ޖަމިއްޔާއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ލިޔުމެއް މެދުވެރިކޮށެވެ.

އެ ލިޔުމުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ އިސްވެރިޔާ، ސްޕްރިޑެންޓް އޮފް ޕޮލިސް ހަސަން ހަނީފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ހެޑް އޮފް އިންވެސްޓިގޭޝަން މުހައްމަދު ރިޔާޒްގެ މައްސަލަތައް ބަލާ ވަގުތުން ވަގުތައް ފިޔަވަޅު އަޅާ މަގާމުން ވަކި ކުރަން ވެސް ގޮވާލާފައި ވެއެވެ.

އެ ލިޔުމުގައި ދައުލަތުގެ އިސްވެރިން ޒިންމާއިން ރެކިވަޑައިނުގަނެ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށް، ރައްކާތެރި މާހައުލެއް ކުޑަކުދިންނަށް ކަށަވަރު ކޮށްދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ. އަދި ރައްކާތެރި މާހައުލެއް ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކޮށްދިނުމަށް ވެސް އެދިފައި ވެއެވެ.

"މަސައްކަތުގެ ޒިންމާ އަދާނުކުރާ ފަރާތްތަށް ތަހްގީގުކޮށް ފިޔަވަޅު އެޅުން. ޒިންމާ އަދާނުކުރާކަން ސާބިތުވާ ނުވަތަ ސާބިތުވެފައިވާ މީހުން ވަޒީފާއިން ވަކި ކުރުން. މީގެ ތެރޭގައި ހާއްސަކޮަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ޒިންމާ އަދާނުކުރައްވާކަން އާންމުގޮތެއްގައި ފާހަގަވެފައިވާތީ މަޖިލީހުން އެކަމާގުޅިގެން އޭނާ އާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދެން." އެ ލިޔުމުގައި ވެއެވެ.