ރިޔާސީ ބަޔާން

މަޖިލީހުގެ ޖަލްސާ ފެށީ ބޮޑު ނުބަޔަކުން: އިޔާޒް

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާ ފެށުމުގެ ގޮތުން ތުންޖީނާ ސޮލަވާތް ކިޔެވި ކިޔެވުމަކީ ވަރަށް ބޮޑު ނުބައެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފު ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި އިޔާޒް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ކިޔެވި ތުންޖީނާ ސޮލަވާތަކީ ސުންނަތުން ސާބިތުވާ ސޮލަވާތެއް ނޫން ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ޖަލްސާއެއް ފެށުމުގެ ގޮތުން މިފަދަ ކަމެއް ކުރުމަކީ ވަރަށް ބޮޑު ނުބައެއް ކަމަށެވެ.

"ނެތި ގޮސްފައިވާ ބިދުއައެއް އަލުން އިޔާދަ ކުރުމަކީ ވަރަށް ނުބައި ކަމެއް. ތުންޖީނާ ސަލަވާތަކީ ސުންނަތުން ސާބިތުވާ ސޮލަވާތެއް ނޫން. ވީއިރު މިއަދު މަޖިލީސް ފެށުމުގެ ކުރިން ބޭފުޅަކު ލައްވާ މިކަން ކުރުވި ކުރުވުމަކީ ވަރަށް ބޮޑު ނުބައެއް." މަޖިލީހުގެ ރައީސަށް ޓެގް ކުރައްވާ އިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ތުންޖީނާ ސަލަވާތް ވިދާޅުވެ ދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ތަފާތު ގޮތަކަށް ފެށިގެން ދިޔައިރު މިއީ ފަހުގެ ތާރީހެއްގައި މަޖިލީހުގެ ޖަލްސާއެއް އަދި އެހެނިހެން ވެސް މިފަދަ ރަސްމީ ޖަލްސާއެއް މިފަދަ ގޮތަކަށް ފެށި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ޖަލްސާތައް ފަށާނީ ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ތަފާތު ގޮތަކަށް ފެށިގެން ދިއުމުން އެކަން ފާހަގަ ކުރައްވާ މަޖިިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާ ފެށިގެންދިޔައީ ޑިސެންބަރު 22، 1932 ގައި ރާއްޖޭގައި މުޅިން އަލަށް އެކުލަވާލެވުނު ގާނޫނު އަސާސީ ތަސްދީގު ކުރެއްވި ޖަލްސާގައި ވެސް ކަންކަން ހިނގައިދިޔަ ގޮތަށް ކަމަށެވެ.

"އެ ޖަލްސާ ފެށިގެން ދިޔައީ ފަނޑިޔާރު މަނިކުފާނު އިސްވެ ސޮލަވާތާ ފާތިހާ ވިދާޅުވުމުން. އެ ބައްދަލްވުމުގައި ދެން އިވިގެން ދިޔައީ ކީރިތި މަހާރަދުން، ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔާގެ ހުތުބަތުލް އަރުޝި. އެ ބައްދަލްވުމުގައި ހުތުބަތުލް އަރުޝިއަށް ޖަވާބު އެރުވީ ހެންވޭރުގެ އިއްޒަތްތެރި މެންބަރު އަހުމަދު ކާމިލް ދީދީ،" މަޖިލީސް ފެށުމުގެ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.