ވިޔަފާރި

ފަހު ކުއާޓަރުގައި އުރީދޫގެ ސާފު ފައިދާ 32 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި، އުރީދޫ މޯލްޑިވްސް އަށް ލިބުނު ސާފު ފައިދާ 32 ޕަސެންޓް އިތުރު ވެއްޖެ އެވެ.

އުރީދޫ މޯލްޑިވްސްގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މި ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 550 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ތިން ވަނަ ކުއާޓަރުގައި ލިބިފައިވަނީ 488 މިލިއަން ރުފިޔާ އެވެ.

އުރީދޫގެ ސާފު ފައިދާ ވެސް ވަނީ މި މުއްދަތުގައި އިތުރުވެފަ އެވެ. ހަތަރު ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 174 މިލިއަން ރުފިޔާ ލިބުނުއިރު، ތިންވަނަ ކުއާޓަރުގައި ލިބިފައިވަނީ 131 މިލިއަން ރުފިޔާ އެވެ. މި ފައިދާއަކީ ގާތްގަނޑަކަށް 32 ޕަސެންޓުގެ އިތުރު ވުމެކެވެ.

މި މުއްދަތުގައި އުރީދޫ އަށް ޓެކުހަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 206 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އުރީދޫގެ މާލީ ރިޕޯޓުގައިވާ ގޮތުން ހަތަރު ވަނަ ކުއާޓަރާ ހަމަ އަށް އައިރު، އެ ކުންފުނީގެ ޖުމްލަ އެސެޓް ވަނީ ތިން ބިލިއަން ރުފިޔާ އަށް ވުރެ މަތިވެފަ އެވެ. މި މުއްދަތުގައި އެ ކުންފުނިން 588 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.

އުރީދޫގެ މާލީ ރިޕޯޓުގެ ހައިލައިޓް:

  • އާމްދަނީ 550 މިލިއަން ރުފިޔާ
  • ސާފު ފައިދާ 174 މިލިއަން ރުފިޔާ
  • ޖުމްލަ އެސެޓް ތިން ބިލިއަން ރުފިޔާއަށް ވުރެ މަތި
  • 588 މިލިއަން ރުފިޔާ އިންވެސްޓް ކުރި
  • އެންމެ މަތިން ހިއްސާ ވިކުނީ 40ރ. އަށް

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ހަމައެކަނި މަލްޓި ނޭޝަނަލް ކުންފުނި ކަމަށްވާ އުރީދޫއަކީ ވަތަނިއްޔާ އިންޓަނޭޝަނަލްގެ 90.5 ޕަސެންޓް ހިއްސާ އާއި ރާއްޖޭގެ އާއްމު ޕަބްލިކްގެ 9.5 ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހިއްސާ މިދިޔަ އަހަރު އެންމެ މަތީ އަގެއްގައި ވިކި ފައިވަނީ ހިއްސާއެއް 40ރ. އަށެވެ.