ހަބަރު

އައިކޮމް އާއި ޓްރާންސްޕޭރެންސީން އެއްބަސްވުމެއް ހަދައިފި

ދެފުށް ފެންނަ ގޮތަށް މައުލޫމާތު ހާމަކޮށް ކުރަން ހޭލުންތެރި ކުރުވުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ((އައިކޮމް) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މިއަދު ހެނދުނު ކޮމިޝަރުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އައިކޮމްގެ ފަރާތުން ސޮއި ކުރެއްވީ އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ އެވެ. ޓްރާންސް ޕޭރެންސީގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް ކޯޑިނޭޓާ އައިމަން ރަޝީދެވެ.

ފިޔާޒް މިއަދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގުޅުން ވަރުގަދަވެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ދާއިރާއަށް ތަރައްގީ ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ ހާމަކަން ބޮޑު ޖަވާބުދާރީ ކުރުވޭ މަސައްކަތްތަކެއް ކުރަން ރައްޔިތުން ހޭލުންތެރިކުރުވަން ވެސް ލިބޭ ފުރުސަތަކަށް ވާނެ ކަމަށެވެ.

އެ ހަފުލާގައި އައިމަން ވިދާޅުވީ ޓްރާންސްޕޭރެންސީގެ ސަރުކާރުން ހިންގާ ހުރިހާ ކަމެއް ރައްޔިތުންނާއި ހަމަޔަށް ހާމަކަން ބޮޑު ގޮތެއްގައި ގެނެސް ދޭން މަސައްކަތް ކުރުމަކީ ޓްރާންސްޕޭރެންސީގެ މަގުސަދެއް ކަމަށެވެ. އާ އެއްބަސްވުމާއެކު އެ މަގަށް ދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިކޮމް އަކީ ކޮރަޕްޝަން ހުއްޓުވާ ދައުލަތް ޖަވާބުދާރީ ކުރުވާ އެންމެ މުހިންމު އެއް މުއައްސަސާ ކަމަށާއި އެ ކޮމިޝަނާއި ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.