ގައުމީ ތަރައްގީއަށް އޮތް އެންމެ ބޮޑު ހުރަހަކީ އަމަލީ މަސައްކަތް ކުރަން ދަންނަ މީހުން މަދުވުމާއި ހުނަރުވެރިން މަދުވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
އަންހެން އިލެކްޓްރީޝަނުން ތަމްރީނު ކުރަން ސްޓެލްކޯއިން އިންތިޒާމް ކުރި ކޯހެއް ފައްޓަވައި ދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަމަލީ މަސައްކަތް ކުރަން ދަންނަ މީހުން ނިސްބަތުން މަދީ އަންހެނުންގެ މެދުގައި ކަމަށެވެ. އަދި، އެއްވެސް ގަައުމެއްގައި އަންހެނުންނާއި ފިރިހެނުން އެކުގައި މަސައްކަތް ކޮށްގެން ނޫނީ ގައުމު ކުރިއަށް ނުދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސައިންސާއި ޓެކްނޮލޮޖީ އާއި އިންޖިއަރިން އަދި މެތެމެޓިކްސް (ސްޓެމް) ދާއިރާތަކުގައި އަންހެނުން ބައިވެރިވާ މިންވަރު ރާއްޖޭގައި މަދު ކަމަށެވެ. އަދި ސްޓެމް ވަޒީފާ ތަކުގައި އަންހެނުން އިތުރު ކުރެވޭނީ އެ ދާއިރާތަކުގައި ހުރި ހުރަސްތައް ނައްތާލައިގެން ކަމަށާއި އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދާއިރާތަކުގައި މިސާލު ދައްކައިދޭނެ ބައެއް ނުފެނުމާއި މަސައްކަތުގެ މާހައުލަކީ އަންހެނުންނާ ރައްޓެހި، ރައްކާތެރި މާހައުލަކަށް ނުވާތީ ކަމަށެވެ.
"އަންހެނުން ސްޓެމް ދާއިރާތަކަށް ގެނައުމަށް ބޮޑެތި ކުންފުނިތަކުން އަންހެނުންނާ ރައްޓެހި ގޯނާ ކުރުން ހުއްޓުވާ ސިޔާސަތުތަކާއި ގަވައިދުތައް ހެދި އެ ތަންފީޒު ވާން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިސް މަގާމުތަކުގައި އަންހެނުން ހަރަކާތްތެރިވެ ޒުވާން އަންހެން ކުދިންނަށް ރޯލް މޮޑެލްތަކެއް ފެންނަން ޖެހޭ ކަމަށާއި ދެ ޖިންސުގެ މެދުގައި މުސާރަ އާއި މަސައްކަތުގައި ހުންނަ ތަފާތުތައް ނައްތާލުމަކީ ވެސް މި ދާއިރާއަށް އަންހެނުން އިތުރު ވާނެ ކަމެއް ކަމަށެވެ.
ސްޓެލްކޯ އިން މިއަދު ފެށި އަންހެނުންނަށް ހާއްސަ އިލެކްޓްރީޝަން ކޯހުގައި 21 ބައިވެރިން ތަމްރީނު ވެ އެވެ. މިއީ ސްޓެލްކޯގެ މުވައްޒަފުންނާއި އާއްމުން އެކުގައި ކުރިއަށް ގެންދާ ސެޓްފިކެޓް ލެވަލް ތިނެއްގެ ކޯހެކެވެ.