ހަބަރު

ކުޑަ ކުއްޖަކު މާމައާ ހަވާލު ކުރުމަށް ބަޔަކު ހުރަސް އަޅައިފި

ކުޑަކުއްޖެއްގެ މާމަ އާއި ކުއްޖާ ހަވާލުކުރުމަށް ތ. ތިމަރަފުށި ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒު ކުރަން އުޅުމުން އެކަމަށް ބަޔަކު ހުރަސް އަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުޑަ ކުއްޖާއަކީ މ. މުލަކު ފިރިހެނަކާއި ތ. ތިމަރަފުށްޓަށް ނިސްބަތްވާ އަންހެނަކަށް ލިބިފައިވާ ކުއްޖެކެވެ. އަދި މި ކުއްޖާ މީގެ މަހެއްހާ ދުވަސް ކުރިން އެ ކުއްޖާ މަންމަގެ އަތުން ކުއްޖާގެ ބައްޕަ ވަނީ އޭނާ ގެންގޮސް މުލަކުގައި ދިރިއުޅެން ފަށާފަ އެވެ.

ފުލުހުން ބުނީ މިމަހުގެ ދެވަނަ ދުވަހު ތިމަރަފުށީ ކޯޓުން އަމުރު ނެރެފައިވަނީ ކުޑަކުއްޖެއްގެ މާމައާ އެ ކުއްޖާ ހަވާލު ކުރުމަށާއި ކުއްޖާ މާމައާއެކު ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި އެކަމަށް އެއްވެސް ބަޔަކު ހުރަސް އަޅާނަމަ އެކަން ހުއްޓުވައި އިއްޔެ 14:00ގެ ކުރިން އެ އަމުރު ތަންފީޒު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މި އަމުރު ތަންފީޒު ކުރުމަށް މުލަކަށް އެ ކުއްޖާގެ މާމަ ގޮވައިގެން ދިޔަ ކަމަށާއި އަދި ކުއްޖާ އާއި ހަވާލުވުމަށް ކުއްޖާގެ ބައްޕަގެ ގެއަށް މާމަ ދިޔައިރު ކުއްޖާ ސްކޫލުގައި އުޅޭތީ އެވަގުތު ކުއްޖާ އާއި ހަވާލު ނުވެވުނު ކަމަށެވެ. އަދި ކުއްޖާ ސްކޫލް އިން އައުމުން މެންދުރު 12:15 ގައި ކުއްޖާ ގޮވައިގެން ޕޮލިސްޓޭޝަނަށް ހާޒިރު ވުމަށް ކުއްޖާގެ ބައްޕަ އަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ކުއްޖާ ޕޮލިސްޓޭޝަނަށް ހާޒިރު ނުކޮށް ކުއްޖާ ހުންއައިސްފައިވާތީ މުލަކު ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްފައިވާ ކަމަށް ކުއްޖާގެ ބައްޕަ ބުނި ކަމަށާއި އަދި ކުއްޖާގެ ހާލަތު އިނގޭނީ ލޭގެ ޓެސްޓުގެ ނަތީޖާ 14:30 ގައި ލިބުމުން ކަމަށް ޑޮކްޓަރާ ހަވާލާދީ ކުއްޖާގެ ބައްޕަ ބުނެފައިވާ ކަމަށެވެ. އެހެން ކަމުން ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޖާ މާމައާ ހަވާލުކުރުމަށް ހޮސްޕިޓަލަށް ގެންގޮސް ލިޔުމުން ކުއްޖާ މާމައާ ހަވާލު ކޮށްފައިވާ ކަމަށެވެ.

"ކުއްޖާގެ ހާލަތު ރަނގަޅުކަމަށް ޑޮކްޓަރު ބުނެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލުމުން 15:00 ހާއިރު ކުއްޖާ ގޮވައިގެން ތިމަރަފުށްޓަށް ދިޔުމަށް ލޯންޗަށް އަރުވަން ނިކުތުމުން މުލަކު ގިނަ އަދަދެއްގެ ރައްޔިތުން ހާއްސަކޮށް އަންހެނުން ނިކުމެ ވަނީ ހުރަސް އަޅާފަ. މިކަމާ ގުޅިގެން ކުއްޖާ އާއި ކުއްޖާގެ މާމަގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެތަނަށް އެއްވެ ތިބި މީހުންނާއި ކުއްޖާގެ ބައްޕަ އަށް އެތަށް ފަހަރަކު ނަސޭހަތް ދިނިން." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ނަސޭހަތްތެރިވި ނަމަވެސް ކުއްޖާ ގެންދިޔުމަށް ހުރަސް އެޅުމުން ހޮސްޕިޓަލުގެ އެމްބިއުލާންސްގައި އެ ދެމައިން ގެންދިޔުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ތެރެއިން ބަޔަކު އެމްބިއުލާންސަށް ނުދެވޭ ގޮތަށް ބިންމަތީގައި އޮށޯވެ ހުރަސް އެޅުމުން ރައްޔިތުންނާއި ކުއްޖާގެ ސަލާމަތަށް ހިނގާފައި ލޯންޗާ ހަމަޔަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިކަމަށް ރައްޔިތުން ހުރަސް އެޅި ނަމަވެސް އެއްވެސް ވަރަކަށް ފުލުހުން ބާރުގެ ބޭނުން ނުކުރާ ކަމަށާއި ނަމަވެސް ކުއްޖާގެ މާމަގެ ބުރުގާގަ ހިފި އަންހެނަކު މަގުމައްޗަށް ވެއްޓުނު ކަމަށެވެ. އަދި ތިމަރަފުށީ ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގިނަ ގޮންޖެހުންތައް ހުރި ނަމަވެސް އެ އަމުރު ތަންފީޒު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ކުއްޖާގެ މަންމަ މީގެ ކުރިން އަވަސް އަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ހަ އަހަރުގެ އަންހެން ދަރިފުޅު އެކުއްޖާގެ ބައްޕަ މުލަކަށް ގެންދިޔައީ އޮޅުވާލައިގެން ކަމަށެވެ. އަދި ކުއްޖާގެ ހަޟާނާތް ކޯޓުން ހަވާލުކޮށްފައިވަނީ ކުއްޖާގެ މާމައާ ކަމަށެވެ. އަދި ކުއްޖާގެ ބައްޕަ އެ ކުއްޖާ ގެންދިޔައީ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމުން ސްކޫލަށް ބޭނުންވާ ތަކެތި ގަނެދިނުމަށް ކަމަށްބުނެ އޮޅުވާލައިގެން ކަމަށްވެސް ކުއްޖާގެ މަންމަ ވަނީ ބުނެފަ އެވެ.

ނަމަވެސް ކުއްޖާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު މުލަކަށް ގެންދިޔައީ އޭނާގެ މަންމަ އާއި މާމަގެ ފަރާތުން އަނިޔާ ލިބެމުންދާ ކަމަށް ކުއްޖާ ތަކުރާރުކޮށް ބުނާތީ ކަމަށެވެ. އަދި ކުއްޖާ މަންމަ ގާތަށް ދާން ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ބުނަމުންދާ ކަމަށެވެ. އަދި ކުއްޖާ ބައްޕަ އަށް ލިބޭނެ ގޮތް ހަމަޖެއްސުމަށް މިހާރު ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.