ޖަޕާން

ޖަޕާން ފުލުހުން ހަނދާން ނެތި ފާޚާނާ ތަކުގައި ހަތިޔާރު ބަހައްޓާ

އެކި ޝޮޕިން މޯލްތަކާއި އެނޫންވެސް ތަންތަނުގައި އާއްމުން ވަންނަން ތައްޔާރުކޮށްފައި ހުންނަ ފާޚާނާ ތަކަށް މީހުން ވަދެފައި ފްލަޝް ނުކޮށް ނުކުތުމާއި އަދި ފާޚާނާ އިން ނުކުމެ އަތް ނުދޮވެ ދިއުން ފަދަ ކަންތައްތަކަކީ ވަރަށް އާއްމުކޮށް ފެންނަ ކަންތައް ތަކެވެ. ނަމަވެސް ޖަޕާނުގައި މިއަށް ވުރެ މާ ބިރުހުރި ކަމެއް އެ ގައުމުގެ ފުލުހުން އެބަ ކުރެ އެވެ. އެއީ އެމީހުން ގެންގުޅޭ ބަޑި ފަދަ ހަތިޔާރު ހަނދާން ނެތި ފާޚާނާ ތެރެއަށް ދޫކޮށްފައި ދިއުމެވެ.

މިހާރު މިއީ ވަރަށް ގިނައިން ޖަޕާނުން ފެންނަ މަންޒަރަކަށް ވަނީ ވެފަ އެވެ. ވަރަށް ގިނަ ފުލުސް އޮފިސަރުން އެމީހުން ގެންގުޅޭ ހަތިޔާރު ފާޚާނާ ތެރޭގައި ބަހައްޓާފައި ހަނދާންނެތި ނުކުމެގެން ދަނީ އެވެ.

ޖަޕާން ޓުޑޭގައިވާ ރިޕޯޓެއް ބުނާ ގޮތުގައި އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގާފައިވަނީ މި ފާއިތުވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. ނަރީޓާ އެއާޕޯޓް ޕޮލިސްގެ އޮފިސަރަކު މުވައްޒަފުން ވަންނަ ފާޚާނާއަށް ވަނުމަށްފަހު އެތަނުގައި އޭނާގެ ބެލްޓާއި އަތުގައި އަޅުވާ ބިޑި އަދި ވަޒަންލާ ބަރާ ކޮށްފައިވާ ހޭންޑްގަން ބާއްވާފައި ހަނދާން ނެތިގެން ދިޔައީ އެވެ. ނަސީބަކުން އެ އެއްޗެތި ފެނުނީ އެ ފާޚާނާއަށް ވަން އެއާޕޯޓުގެ މުވައްޒަފަކަށް ކަމުން އޭނާ އެ އެއްޗެތި ކަމާ ބެހޭ ފަރާތާ ހަވާލު ކުރީ އެވެ.

އެ އޮފިސަރާ އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ބުނި ކަމަށް ވަނީ ހަނދާން ނެތުނީ ކަމަށެވެ.

ޖަޕާން ފުލުހުންގެ ޔުނިފޯމް ހުންނަ ގޮތުން ވަރަށް ގިނަ އޮފިސަރުންނަށް ފާޚާނާ ބޭނުންކުރަން އުނދަގޫވެ އެވެ. އެމީހުން ބުނާ ގޮތުގައި އެމީހުންނަށް ޖެހެނީ ބެލްޓާއި ހުރިހާ އެއްޗެހި ނައްޓާފައި ބަހައްޓާށެވެ. އެހާ ފަސޭހައިން ހަނދާން ނެތި ފާޚާނާގައި އެއްޗެތި ބެހެއްޓެނީ އެހެންވެ އެވެ. ފުލުހުންނަކީ ވަރަށް ގިނަ ކަންތައްތަކާ ވިސްނަން ޖެހޭ ބަޔަކަށް ވާތީ ސިކުނޑީގައި ހުންނަ ކަންތައްތައް ގިނަކަމުން ފާޚާނާ އިން ނުކުންނަމުން ހުރިހާ އެއްޗެތި ހަމަތޯ ބަލަން ވެސް ހަނދާން ނުހުންނަނީ އެވެ.

ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ބިރުވެރި ކަމެކެވެ. މިދިޔަ އަހަރު 31 އަހަރުގެ ޕޮލިސް އޮފިސަރަކަށް ވެސް މިފަދަ ގޮތަކަށް ހަނދާން ނެތިގެން އޮކަޒާކީ ކިޔާ ސަރަހައްދުގައި ހުރި ސެވަން އިލަވަން ފިހާރައެއްގެ ވޮޝްރޫމްގައި އޭނާގެ ބެލްޓް ބާއްވަފައި ދެވުނެވެ. އެ ބެލްޓްގައި ހަރުކޮށްފައި އިން ފިސްތޯލައިގައި ފުރެންދެން ވަޒަން ވެސް ހުއްޓެވެ.

އަދި މީގެ މަހެއްހާ ދުވަސް ކުރިން ޓޯކިޔޯ މެޓްރޮޕޮލިޓަން ޕޮލިސްގެ މަޗިޑާ ޑިޕާޓްމަންޓްގެ ލެފްޓިނެންޓެއްގެ މަގާމުގައި ހުރި 49 އަހަރުގެ އޮފިސަރަކަށް ވެސް މިފަދަ ކަމެއް ދިމާވި އެވެ. އޭނާއަށް ވެސް ފިހާރައެއްގެ ރެސްޓްރޫމްގައި ފުރެން ދެން ވަޒަން ލައްވާފައިވާ ގަން އެއް ބާއްވާފައި ހަނދާން ނެތިގެން ދެވުނީ އެވެ. މި ބަޑި ފެނުނީ އެ ފާޚާނާއަށް ވަން އެ ފިހާރައިގެ ކަސްޓަމަރަކަށެވެ. އޭނާ ވަގުތުން އެ ފުލުހުންނާ ހަވާލު ކުރީ އެވެ.

ހަނދާން ނެތިގެން ބަޑި ފަދަ ހަތިޔާރު ފާޚާނާ ތެރޭ ބެހެއްޓިގެން މިހާތަނަށް މީހަކަށް އަނިޔާއެއް ވެސް އަދި މީހަކު އެ އެއްޗެތި ވަގަށް ނެގުމުގެ ހާދިސާއެއް ފަދަ ކަމެއް ދިމާވެފައި ނެތަސް ފަރުވާކުޑަކަމުން މިގޮތަށް ގިނަގިނައިން ހަނދާން ނެތޭނަމަ ނުރައްކާތެރި ހާދިސާއެއް ވެސް މެދުވެރިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޖަޕާންގެ ނޫހެއްގައިވާ މި ރިޕޯޓުގައި ބުނެފައި ވެއެވެ.