ވިޔަފާރި

ޓީއެމްއޭއަށް ޓާމިނަލް ދޭން ކުރީ ސަރުކާރުން އޮތީ އެއްބަސްވެފަ

Feb 6, 2020
6

އާ ސީޕްލޭން ޓާމިނަލުން 31،000 އަކަ މީޓަރު ޓީއެމްއޭ އަށް ދޭ ކުރީ ސަރުކާރުން އެއްބަސްވެ، ޔަގީންކަން ދީފައިވާ ކަން އެނގިއްޖެ އެވެ.

އަވަސް އަށް ލިބިފައިވާ ލިޔެކިޔުން ތަކުން އެނގޭ ގޮތުގައި ޓީއެމްއޭ އަށް އާ ޓާމިނަލުން 31،000 އަކަ މީޓަރު ދޭން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ކުރީގެ ބޯޑުން އޮތީ އެއްބަސްވެފަ އެވެ.

ޓީއެމްއޭގެ ހިއްސާ ގަނެފައިވާ ބައިން ކެޕިޓަލް ކުންފުނިން ސަރުކާރާއެކު ކޮށްފައިވާ ބައެއް މުއާމަލާތްތަކުގެ މި ލިޔުމުން އެނގޭ ގޮތުގައި އޭރު އެމްއޭސީއެލްގައި އޮތް ބޯޑާއި ސަރުކާރުން ވަނީ ޓީއެމްއޭ އަށް ޓާމިނަލްގެ ބޮޑު ބައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފަ އެވެ.

ބައިން ކެޕިޓަލް އިން ޓީއެމްއޭ ގަތީ ޔަގީންކަން ދިނީމަ!

އެނގިފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު އެއް އިކުއިޓީ ފާމް ކަމަށްވާ ބައިން ކެޕިޓަލް އިން ޓީއެމްއޭގެ މައި ހިއްސާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަށް ގަނެފައިވަނީ ސަރުކާރުން ދިން މި ޔަގީން ކަމުގެ މައްޗަށް ބިނާކޮށެވެ.

ޓީއެމްއޭ އިން އޭރު ކުރި މުއާމަލާތްތަކުގެ މައުލޫމާތު އެނގޭ ފަރާތަކުން އަވަސް އަށް ކިޔައިދިން ގޮތުގައި ޓީއެމްއޭ އާއި އެމްއޭސީއެލް އިން ޓާމިނަލްގެ 31،000 އަކަ މީޓަރު ދޭ ގޮތަށް އެއްބަސްވެ، އެގްރީމެންޓް ވެސް ވަނީ ޑްރާފްޓް ކުރުމުގެ މަރުހަލާގަ އެވެ. ނަމަވެސް ސޮއި ނުކުވެނީސް ވެރިކަން ބަދަލުވީ އެވެ.

ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭ އަށް ދިނުމަކީ ދައުލަތަށް ބޮޑު އަދަދުން ގެއްލުން ވާނެ ކަމެއް ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ހަދާފައިވާ ސީޕްލޭން ޓާމިނަލްގެ ހާއްސަ އޮޑިޓުގައި ބުނެފައިވެ އެވެ. އެ އޮޑިޓް ރިޕޯޓުގައި އާ ސީ ޕްލޭން ޓާމިނަލް ހިންގައިގެން އެމްއޭސީއެލް އަށް އާމްދަނީ ލިބިދާނެ ކަމަށް އަންދާޒާ ކުރާ ގޮތްތަކެއްވެސް ބުނެދީފައިވެ އެެވެ.

އޭގެ ތެރެއިން އެއް ގޮތަކީ އެމްއޭސީއެލް އިން މުޅި ޓާމިނަލް ހިންގުން ނުވަތަ މާކެޓް ރޭޓުގައި އެތަން ކުއްޔަށް ދިނުމެވެ. މިގޮތަށް ކުއްޔަށް ދީފިނަމަ އަހަރަކު 47 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ) ލިބޭނެ އެވެ. އަދި އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ޓީއެމްއޭ އިން މިހާރު ބޭނުންކުރާ އަމިއްލަ ޓާމިނަލް ދޫކޮށް އެހެން ތަނަކަށް ބަދަލުވުމަކީ އެ ކުންފުނިން އިތުރު ހަރަދެއް ކުރަން ޖެހޭ ކަމެއް ކަމަޑް ފާހަގަ ކޮށްފައިވެ އެވެ. އެހެންކަމުން އޭގެ ބަދަލުގައި އެމްއޭސީއެލް އަށް ކަން ކުރެވިދާނެ މޮޑެލްއެއް ވެސް އޮޑިޓްގައި ހިމެނި އެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން ޓީއެމްއޭ އިން މިހާރު ހިންގާ ލައުންޖް ތަކަށް އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގައެއް ދެވިދާނެ ކަމަށް ލަފާ ދީފައިވެ އެވެ. އަދި އާ ޓާމިނަލް އިން ޖާދަ ދޭން މަޝްވަރާ ކުރާ ގޮތަށް އަކަ މީޓަރަކަށް 23.44 ޑޮލަރު ނަގާ ގޮތަށް ދެވިދާނެ ކަމަށްވެސް ބުނެފައިވެ އެވެ. އެގޮތަށް ލައުންޖްތަކާއި އޮފީސް ސަރަހައްދު ދީފިނަމަ އަހަރަކު 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އޮޑިޓަ ޖެނަރަލް އަންދާޒާ ކުރައްވާފައިވެ އެވެ.

މި ސަރުކާރުން ނިންމީ ރަނގަޅަށް ތަ؟

އާ ސީޕްލޭން ޓާމިނަލް ނިންމައިގެން ނޫނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގޭކަށް ނެތެވެ. އެހެންވެ ސަރުކާރުން އިއްޔެ ވަނީ ޓީއެމްއޭ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމާ ބެހޭ ގޮތުން ނިންމުމެއް ނިންމާފަ އެވެ. މި ނިންމުގައި އޮޑިޓަ ޖެނެރަލް ދީފައިވާ ލަފާގެ މައްޗަށް ބަލާފައިވެ އެވެ.

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ދޭނީ، މިހާރު ވެސް އެ ކުންފުނިން ބޭނުން ކުރާ ވަރުގެ ސަރަހައްދެއް ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން ވަނީ ލީކްވެފައިވާ އޮޑިޓް ރިޕޯޓުގައިވާ ގޮތަށް ޓާމިނަލްގެ ބައެއް ދޭން ނިންމާފަ އެވެ. އަދި ދެ އަހަރު ދުވަހަށް 5،383 އަކަ މީޓަރުގެ ސަރަހައްދެއް ދޭން ނިންމާފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ. އަދި ދެ އަހަރު ފަހުން މާކެޓު ރޭޓުގައި އެ ސަރަހައްދު ޓީއެމްއޭ އިން ހިފަން ޖެހޭ ގޮތަށް ވަނީ ނިންމާފަ އެވެ.

ސަރުކާރުން މި ނިންމުމާ ބެހޭ ގޮތުން، ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަރައްގީ ކުރަމުން ގެންދާ ސީޕްލޭން ޓާމިނަލްއަކީ ސަރުކާރުން ގެނެންޓީ ދީގެން ތަރައްގީ ކުރާ ތަނެއް ކަމަށެވެ. އަދި މި މަޝްރޫއަކީ އެއާޕޯޓުގެ ޓްރެފިކް މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މަޝްރޫއެއް ކަމަށާ ސީޕްލޭން އޮޕަރޭޓް ކުރާ ކުންފުނިތަކަކީ ޓޫރިޒަމް ދެމެހެއްޓުމުގައި މުހިންމު ބައެއް ކަމަށްވާއިރު، ސީޕްލޭން އޮޕަރޭޓަރުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ހުރިހާ ކުންފުނިތަކަށް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މިކަން ހާސިލް ކުރުމަށްޓަކައި އެމްއޭސީއެލް އިން ލޯނު ނަގައިގެން ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލް ބޭނުންކުރުމާ ގުޅޭ ގޮތުން ސަރުކާރުން ވަނީ ގޮތްތަކެއް ނިންމާފަ އެވެ. ސަރުކާރުން ވަނީ މި ނިންމުން އެމްއޭސީއެލްގެ ބޯޑާ ހިއްސާވެސް ކޮށްފަ އެވެ،" ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.