ހަބަރު

ރާއްޖޭގެ ފުރަތަމަ ބައިއެނިއަލް އަޕްޑޭޓް ރިޕޯޓު އިފްތިތާހް ކޮށްފި

ރާއްޖޭގެ ފުރަތަމަ ބައިއެނިއަލް އަޕްޑޭޓް ރިޕޯޓު މިއަދު އިފްތިތާހް ކޮށްފި އެވެ.

މި ރިޕޯޓު އިފްތިތާހް ކޮށްދެއްވީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. މި ރިޕޯޓަކީ ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުއާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަންސް އޮން ކްލައިމެޓް ޗޭންޖްގެ ދަށުން ކޮންމެ ދެ އަހަރުން އެއް އަހަރު ނެރެންޖެހޭ ރިޕޯޓެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސައިން ރަޝީދު ވިދާޅުވީ ރާއްޖެއިން ތެލަށް ކުރެވޭ ހަރަދު ކުޑަކޮށް ޖައްވަށް ބޭރުކުރެވޭ ގްރީންހައުސް ގޭސް މަދުކުރުމަށް އެހީވެދިނުމަށް ރާއްޖޭގައި މިހާތަނަށް 21 މެގަވޯޓު ސޯލާ ހަރުކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް ރޭވިފައި ހުރި މަޝްރޫއުތަކުން އިތުރަށް ގްރީން ހައުސް ގޭސް ދަށްކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޖަނަރޭޓަރު ތަކަށް އަޅަން ގެންގުޅޭ ޑީސަލް އަކީ ވަރަށް ސަކަރާތް އެއްޗެއް ކަމަށާއި ރާއްޖެއަށް ޑީސަލް ނޫން ގޮތެއް ހޯދަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން އަމާޒް ހިފާފައިވަނީ ޑީސަލް ނޫން ގޮތެއް ރާއްޖެއަށް ހޯދައި ރިނިއުބަލް އެނާޖީން ރާއްޖެއަށް ކަރަންޓް ފޯރުކޯށްދިނުމަށް ކަމަށެވެ. އަދި ރާއްޖެ ތަރައްގީ ކުރަންޖެހޭނެ ކަމަށާއި ރާއްޖެ ތަރައްގީ ކުރުމަށް ކުރެވޭ ކަންކަން ކުރެވޭނީވެސް އެނާޖީ ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެ ވަރަށް ބޮޑަށް ކުރިއަރައި ތަރައްގީގެ ގިނަ ލަނޑުދަނޑިތަކެއް ހާސިލްވެފައިވާ ކަމަށާއި އެ ހާލަތު ވަނީ މުޅިން ބަދަލު ވެފައިވާ ކަމަށެވެ. އަދި އެއާއެކު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ އަސަރު އިހްސާސްކުރާ މިންވަރު އިތުރުވެފައިވަ ކަމަށާއި އަދި މި މައްސަލަތައް ހައްލު ކުރުމަށް ކުރެވޭ މަސައްކަތްތަށްވެސް އިންތިހާ އަށް އިތުރުކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިއަދު އިފްތިތާހު ކުރި ރިޕޯޓަކީ މިފަދަ ގޮތަކަށް ރާއްޖެއިން ނެރުނު ފުރަތަމަ ރިޕޯޓެވެ. މި ރިޕޯޓުގައި ރާއްޖެއިން ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ މިންވަރާއި އެ މިންވަރު މަދު ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފަ އެވެ. ަދި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ހިންގާފައިވާ ޕްރޮޖެކްޓުތަކާއި، މިކަމަށް ހިނގި ޚަރަދާއި އަދި މިފަދަ މަސައްކަތްތައް ހިންގުމަށްޓަކައި ހުރި ދަތިތަކާއި ގޮންޖެހުންތަކަށްވެސް ވަނީ މި ރިޕޯޓުގައި އަލިއަޅުވާލެވިފައެވެ.