ހަބަރު

ގިޔާސުއްދީން ސްކޫލްގައި ނާސާގެ ޕްރޮގްރާމްތަކެއް ފަށަނީ

Feb 6, 2020
1

މާލޭގައި ހިންގާ ޕްރައިވެޓް ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި އެމެެރިކާގެ ޖައްވީ އިދާރާ ނާސާގެ ޕްރޮގްރާމްތަކެއް ހިންގުމަށް މިއަދު ސޮއި ކޮށްފި އެވެ.

އެ ޕްރޮގްރާމްތައް ފެށުމުގެ ގޮތުން އިންސްޓްޓިއުޓް އޮފް ގްލޯބަލް ސަކްސެސް (އައިޖީއެސް) އާއެކު ގިޔާސުއްދީން ސްކޫލުން މިއަދު ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. އެއްބަސްވުމުގައި ގިޔާސުއްދީންގެ ފަރާތުން ސޮއިކުރެއްވީ ޕްރިންސިޕަލް ތޯހާ ސަލީމް އެވެ. އަދި އައިޖީއެސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކެޓިވް އޮފިސާ ރިފްއަތު މުހައްމަދު އެވެ.

މި ޕްރޮގްރާމުގައި 2024 ވަނަ އަހަރު ނިމުމުގެ ކުރިން އަންހެނަކާއި ފިރިހެނަކު ހަނދަށް ފޮނުވުމަށް ކުރިއަށް ގެންދިއުމަށް ނާސާއިން ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެކަމުން އަރައިގަނެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށް ގިޔާސުއްދީން ސްކޫލްއިން ބުންޏެވެ.

އޭގެ ތެރޭގައި، ހަނދުގައި އިންސާނުންނަސް ދިރިއުޅެވޭނެ ނިޒާމެއް ގާއިމް ކުރުމާބެހޭ ދިރާސާކޮށް ހިޔާލު ބަދަލު ކުރުމާއި ނާސާގެ އިންޖިނިއަރުންތަކާއި އެސްޓްރޮނޯޓުންނާއި ސައިންސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން އެ ސްކޫލް ދަރިވަރުން ފޯމް ރޮކެޓެއް ޑިޒައިންކޮށް ލޯންޗްކުރުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މިއީ ސްޕޭސް ސައިންސް ކުރިއެރުވުމަށް ރާއްޖޭގައި ފަށާ މިފަދަ ފުރަތަމަ ޕްރޮގްރާމް އެވެ.