އިމާދުއްދީން ސްކޫލް

އިމާދުއްދީން ސުކޫލްގެ ޕްރިންސިޕަލާއި ޑެޕިއުޓީން ވަކިކޮށްފި

އިމާދުއްދީން ސުކޫލްގެ ޕްރިސިފަލްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝާތިރާއި، ދެ ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ މަގާމުތަކުން ވަކިކޮށްފި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އިމާދުއްދީން ސުކޫލްގެ އެންމެ އިސްވެރިން މަގާމުން ވަކިކޮށްފައިވާއިރު އަދި އެ މަގާމުތަކަށް ބޭފުޅުން ހަމަޖައްސަވާފައެއް ނުވެއެވެ.

މަގާމުން ވަކިކޮށްފައިވަނީ އިމާދުއްދީންގެ ޕްރިންސިޕަލްގެ އިތުުރުން ދެ ޑެޕިއުޓީ ޕްރިންސިޕަލުން ކަމަށްވާ ލަތީފާ އަހުމަދު އަދި ޝަކީބާ އަލީއެވެ. އެ ބޭފުޅުން މަގާމުން ވަކިކުރުމަށްފަހު އެހެން ސުކޫލަކުން އެ ފެންވަރުގެ ވަޒީފާއެއް ހަމަޖައްސައިދޭނެ ކަމަށް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.

އިމާދުއްދީން ސުކޫލްގެ ޕްރިސިފަލް އިބްރާހިމް ޝާތިރާމެދު ހިތްހަމަނުޖެހުން އޮތުމުން މިދިޔަ އަަހަރުގެ ފަހުކޮޅު ގިނަ އަަދަދެއްގެ ޓީޗަރުންނާއި ބެލެނިވެރިން ސޮއިކޮށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއަށް ވަނީ ޕެޓިޝަނެއް ހުށައަޅާފައެވެ. އެ ޕެޓިޝަންގައި ޝާތިރާމެދު ހިތްހަމަނުޖެހޭ ވަރަށް ގިނަ ސަބަބުތައް ވަނީ ބަޔާންކޮށްފައެވެ. އިމާދުއްދީން ސުކޫލްގެ 90 ޕަސެންޓް ޓީޗަރުންނާއި، 70 ޕަސެންޓް ބެލެނިވެރިން ސޮއިކުރި މި ޕެޓިޝަނާއި ގުޅިގެން އަހަރު ނިމުނުއިރުވެސް އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ނަމަވެސް ޖެނުއަރީ މަހުގެ ތެރޭގައި އެޑިއުކޭޝަންގެ އިސްވެރިން ވަނީ އިމާދުއްދީން ސުކޫލްގެ އިސްވެރިންނާ ބައްދަލްކޮށްފައެވެ. އަދި މި ހަފްތާގެ އާދިއްތަ ދުވަހު އެޑިއުކޭޝަންގެ ބައެއް އިސްވެރިން އެ ސުކޫލަށް އައިސް ޓޮޕް މެނޭޖްމަންޓާއި ބައްދަލްކޮށް ސުކޫލްގެ އިސް މަގާމުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ވަނީ އަންގާފައެވެ.

1413 ދަރިވަރުން ކިޔަވަމުންދާ އިމާދުއްދީން ސުކޫލްގެ ދެ ޑެޕިއުޓީ ޕްރިންސިޕަލުން ކުއްލި ގޮތަކަށް ވަކިކުރުމުން އެ ސުކޫލްގެ ޓީޗަރުންނާއި، ބެލެނިވެރިން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަވަސްއާ ވާހަކަ ދެއްކި ބައެއް ޓީޗަރުން ވިދާޅުވީ ސުކޫލްގެ ޕްރިންސިޕަލްގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް އެޑިއުކޭޝަނަށް ހުށައެޅި ޕެޓިޝަނަށް އަޅާނުލާ ތިބެ، ކުއްލި ގޮތަކަށް ސުކޫލްގެ އެންމެ އިސް މަގާމުގައި ތިއްބެވި ތިން ބޭފުޅުން އެކުގައި ވަކިކުރުމަކީ ސުކޫލަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެެއް ކަމަށެވެ.

"ހަގީގަތުގައި މިއީ އެޑިއުކޭޝަން މިނިސްޓްރީން ކަންކަމުގައި ވިސްނާނުލާ މިންވަރު. މިއަދު ވަކިކުރެވިގެންދިޔަ ޑެޕިއުޓީ ޕްރިންސިޕަލުންނަކީ މިހާރު މި ސުކޫލް އެންމެ ރަނގަޅަށް އެނގޭނެ ބޭފުޅުން. އެއް ބޭފުޅަކު އެއީ 10 އަހަރު އެ މަގާމުގައި ހުންނެވި ބޭފުޅެއްް. އެހެންވީމަ ކުއްލިއަކަށް އެހެން ބަޔަކަށް ހިންގުން ބަދަލުކުރުން އެއީ އިމާދުއްދީން މިހާރު އޮތް ހިސާބުން ވަރަށް ބޮޑަށް ސޮއްސާލާނެ ކަމެއް. އަނެއްކޮޅުން އަޅުގަނޑުމެން މި ކަންބޮޑުވުން ފާޅުކުރީ ޕްރިންސިޕަލްގެ މައްސަލާގައި. ނަމަވެސް ފިޔަވަޅު މި އެޅީ އެހެން ބަޔަކަށް."

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޝާތިރުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް ޓީޗަރުންނާއި، ބެެލެނިވެރިން ހުށައެޅި ޕެޓިޝަންގައި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ސޮއިކޮށްފައިވެސް ނުވާ ކަމަށް އަވަސް އަށް އެނގިފައިވެއެވެ. އެކަން ޕެޓިޝަން ހުށައެޅުމުގައި އިސްކޮށް އުޅުނު ޓީޗަރުންވެސް ވަނީ ޔަގީން ކޮށްދީފައެވެ.

ބައެއް ޓީޗަރުން ބުނީ ޕެޓިޝަން ހެދުމުގައި އިސްކޮށް އުޅުނު ޓީޗަރުންނަށްވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެ ބޭފުޅުންގެ ބަހެއް ނުލިބެއެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްވެސް ލިބިފައެއް ނުވެއެވެ.