ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެންޏާ ބެހޭ ތަފާތު ޚަބަރުތައް ފެތުރެމުންދާތާ މިހާޜު ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި އަހަރުގެ ޑިސެމްބަރު މަހު މި ދެ ތަރިން ކައިވެނި ކުރަން ދަނީ ތައްޔާރު ވަމުންނެވެ.
މަޝްހޫރު ފިލްމު ކްރިޓީކް ރަޖީވް މަސަންދް ވަނީ ރަސްމީކޮށް މި ކައިވެނީގެ ވާހަކަ އިއުލާން ކޮށްފަ އެވެ. އޯޕަން މެގަޒިން އަށް ރަޖީވް ލިޔާ އޭނާގެ ކޮލަމްގައި ރަޖީވް ލިޔެފައިވާ ގޮތުގައި އާލިއާ އާއި ރަންބީރު 2020 ޑިސެމްބަރުގައި ކައިވެނި ކުރާނެ އެވެ. އޭނާ އިތުރަށް ލިޔެފައިވާ ގޮތުގައި ރަންބީރާއި އާލިއާ ގަސްތު ކުރަނީ އެ ދެ އެކްޓަރުން އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ބްރަހްމަޝްތުރަ" ރިލީޒް ކުރުމާއެކު ކައިވެނީގެ ކަންތައްތައް ވެސް ނިންމާށެވެ. އަދި ދެ ފަރާތުގެ އާއިލާއިން މި ކައިވެނީގެ ތައްޔާރީތައް ވާން ފަށައިފި ކަމަށާއި އާއިލާގެ މީހުންނަށް އެ ދުވަސްވަރު ކައިވެންޏަށް ހުސް ކުރަން އަންގަމުންދާ ކަމަށް ވެސް ރަޖީވްގެ ކޮލަމްގައި ލިޔެފައި ވެއެވެ.
ފަހަކަށް އައިސް އާލިއާ އާއި ރަންބީރު ވަރަށް ގިނައިން އެކުގައި އުޅޭތަން ފެނެ އެވެ. ޚާއްސަކޮށް ކަޕޫރު އާއިލާގެ ހުރިހާ ހަފުލާ ތަކަކުން ވެސް އެންމެ ކުރީގައި އާލިއާ ހުއްޓާ ދަނީ ފެންނަމުންނެވެ. އަދި އާލިއާގެ ގެއަށް ރަންބީރުގެ މަންމަ ނީތޫ ސިންގް ވަރަށް ފަހުން ޒިޔާރަތް ކުރަނިކޮށް ވެސް ގިނަ ބަޔަކަށް ފެނިފައި ވެއެވެ. މި ޒިޔާރަތަކީ ކައިވެނީގެ ކަންތައްތައް އިންތިޒާމް ކުރުމަށް ކުރި ޒިޔާރަތެއް ކަމަށް ޚަބަރުތައް ބުނެ އެވެ.
މި ދެ ތަރިން ވެސް މިހާރު އިންތިޒާމްކު ރަމުން ދަނީ ޑައިރެކްޓަރު އަޔާން މުކަރުޖީގެ "ބްރަހްމަޝްތުރަ" ރިލީޒް ކުރާނެ ވަގުތަކަށެވެ. އޭގެ ފަހުން ދެން އޮންނާނީ މި އަހަރުގެ އެންމެ ބޮޑު އެއް ކައިވެނީގެ ހަފުލާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ފިލްމީ ރޮނގުން ބަލާއިރު އާލިއާގެ ގިނަ ފިލްމުތަކެއް މިހާރު އުފެއްދުމުގެ މަރުހަލާގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ސަންޖޭ ލީލާ ބާންސާލީގެ "ގަންގޫބާއީ ގަތިއާވަޅީ"، ކަރަން ޖޯހަރްގެ ހުވަފެނީ ޕްރޮޖެކްޓް "ތަޚުތު" އަދި އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކުރާ "ސަޅަކް 2" އާއި އެސްއެސް ރާޖާމޯލީގެ "އާރްއާރްއާރް" ގެ އިތުރުން "ބްރަހްމަޝްތުރާ" ވެސް އެބައޮތެވެ.
ރަންބީރަށް އޮތީ "ބްރަހްމަޝްތުރަ"ގެ އިތުރުން "ޝަމްޝޭރާ" އެވެ.