ރައީސް މުހައްމަދު ނަޝީދު

ފެބްރުއަރީ 8 ގެ ހަނދާންތައް ނަޝީދު އާ ކުރައްވައިފި

މީގެ އަށް އަހަރު ކުރިން ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުން ނިންމި ނިންމުންތަކާއި އެ ދުވަހު އެމްޑީޕީގެ މެންބަރުންނަށް ލިބިގެންދިޔަ އަނިޔާތަކުގެ ހަނދާންތައް ރައީސް މުހައްމަދު ނަޝީދު އާ ކުރައްވައިފި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވެފައި ވަނިކޮށް ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ ސަޕޯޓަރުންނާއެކު ރައީސް ނަޝީދު ވަނީ މަގުމައްޗަށް ނުކުންނަވާ ބޮޑު މުޒާހަރާއެއް ކުރައްވާފަ އެވެ. އަދި އެމްޑީޕީގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ނިންމާ، ސަރުކާރާއި ދެކޮޅު ވަރުގަދަ އިހުތިޖާޖެއް މުޅި ރާއްޖޭގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި އިހުތިޖާޖުގެ ތެރެއިން އެމްޑީޕީގެ ސަޕޯޓަރުންނާއި، ޕާޓީގެ އިސް ބޭފުޅުންނަށް ބޮޑެތި އަނިޔާތައް ލިބިފައި ވެއެވެ. އަދި އިހްތިޖާޖުގެ ބައިވެރިން ވަނީ ދައުލަތުގެ މުދަލާއި އިމާރާތްތަކުގައި ހުޅުޖަހާ ބޮޑެތި ގެއްލުންތައް ވެސް ދީފަ އެވެ.

އެ ހަނދާންތައް އާ ކުރައްވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ ގައުމީ މަޖިލީސް އެއްވެ ނިންމީ އެމްޑީޕީގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމަށާ އަލުން އަނބުރާ ވެރިކަން ހޯދަން ކަމަށެވެ.

"ހަވީރުވީއިރު އެމްޑީޕީގެ އެތައް ބަޔަކަށް ނުހައްގު އަނިޔާކުރި ނަމަވެސް އޭރުވެސް އަޅުގަނޑުމެން ބުނީ އެމްޑީޕީއެއް އިރާދަފުޅުން ފަހަތަކަށް ވެސް ނުޖެއްސޭނެ، ފިކުރެއް ވެސް ނުފޮހެވޭނެ، އަޒުމެއް ވެސް ނުގުޑާނެ." ކުރީގެ އެ ހަނދާންތައް އާ ކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ކުރެއްވި ޓްވީޓް

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީތާ އިއްޔެއަށް އަށް އަހަރު ފުރިފައިވާއިރު އެ ޕާޓީން ވަނީ ގިނަ ޕާޓީތަކެއްގެ ތާއީދާއެކު 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައިސްފަ އެވެ. އަދި މަޖިލީހުގެ ސާފު މެޖޯރިޓީ ހޯދާ، މިއަދު ރައީސް ނަޝީދަކީ މަޖިލީހުގެ ރައީސް ވެސް މެއެވެ.

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން މަސައްކަތް ކުރީ 2012 ވަނަ އަހަރު އެ ޕާޓީގެ ވެރިކަން ބަދަލު ކުރަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންނާއެކުގަ އެވެ. ނަޝީދުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ އެ ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅުން ކޯލިޝަންގެ ލީޑަރުންގެ ގޮތުގަ އާއި، ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިބިއިރު، ކޮންމެ ފަހަރަކު ބާރު ލިބުމުން ވެރިކަން ބަދަލުވީ ހަނދާންތައް އާ ކުރާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އެމްޑީޕީގެ އިސްވެރިންނަށް އަމާޒު ވެއެވެ.