ހަބަރު

ބުދަ ދުވަހު މަރީ ކޮމިޓީއަށް ހާޒިރު ކުރަނީ

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ)، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަންނަ ދުވަހު ދުވަހު ހާޒިރު ކުރަން ނިންމައިފި އެވެ.

ބުދަ ދުވަހު ބާއްވާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް މަރީ ހާޒިރު ކުރަން ނިންމީ، މި ސަރުކާރުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ އިން ހާސިލު ކުރެވުނު ކަންކަން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފުލާއެއް ހުށަހަޅުއްވައި، އެ ހަފުލާގައި ސަރުކާރަށް ތައުރީފުކޮށް މަރީ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މަރީއަށާއި ޓޫރިޒަމް މިނިސްޓްރީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އޭރު ވަނީ އާ ދައުރަށް މަޖިލިސް ހުޅުވުން އެ މައްސަލަ ބަލަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މައްސަލަ މަޖިލީހުން ބަލާނެ ކަމަށް ރޮޒައިނާ ވިދާޅުވިއިރު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަރީގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އަލީ ވަހީދު ވިދާޅުވެފައި ވަނީ، ސަރުކާރުން ބާއްވާ ހަފުލާތަކުގައި ބައިވެރިވުމަކީ ބްރޯޑްކޮމްގެ މެންބަރެއްގެ އުސޫލީ މިންގަނޑާ ހިލާފު ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ.

ސަރުކާރުން ބޭއްވި ހަފުލާއެއް މަރީ ހުށަހަޅުއްވައި ދެއްވިއިރު، ކުރީގެ ސަރުކާރުން ބޭއްވި އިސް ރަށްވެހިންގެ ހަފުލާއެއް އިންތިޒާމު ކުރުމުގައި އޭރުގެ ބްރޮޑްކާސްޓިން ކޮމިޝަންގެ މެންބަރަކަށް ހުންނެވި ފާތިމަތު ޒައިނާ އުޅުއްވުމުން ވެސް އޭރު ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު ފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބްރޯޑްކޮމްގެ މެންބަރުން ހާޒިރު ކުރިއިރު، ޒައިނާއަށް އެ ސުވާލުތައް ވަނީ އެމްޑީޕީގެ މެންބަރުން އަމާޒު ކުރައްވައިފަ އެވެ. ހަމަ އެ މައްސަލާގައި ޒައިނާ ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމުން މަޖިލީހުން ވަކިކޮށްފަ އެވެ.