ބޭންކް އޮފް މޯލްޑިވްސް

"ގޯލްޑް 100"ގެ ޕްލެޓިނަމް ޕާޓްނަރަކީ ބީއެމްއެލް

ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ "ގޯލްޑް 100" އެވޯޑުގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

މިއީ މި އެވޯޑްގައި ބޭންކުން ޖެހިޖެހިގެން ބައިވެރިވާ ހަތަރުވަނަ ފަހަރެވެ. "ގޯލްޑް100" އެވޯޑުގައި ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ހޮވަން، ހުށަހަޅާ ކުންފުނިތަކުގެ މަޢުލޫމާތު އިވެލުއޭޓް ކުރުމަށް މިނިވަން ފާމެއްވަނީ ކަނޑައަޅާފަ އެވެ. އެވޯޑް ލިބޭ ފަރާތްތައް އާންމު ކުރަނީ މި މަހުގެ 25 ވަނަ ދުވަހު ބާއްވ ގޯލްޑް 100 ގަލާ ގައެވެ.

މި ސްޕޮންޝަޝިޕް އާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވީ ބޭންކުން ދަނީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރު ކުރަމުން ކަމަށާއި އެވޯޑުގައި ބައިވެރިވުމަކީ ފަހުރެއް ކަމަށެވެ.

"ކޯޕަރޭޓް މޯލްޑިވްސް" އިން ދޭ "ގޯލްޑް100" އެވޯޑަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ ފަރާތްތަކުގެ މެދުގައި ބަލައިގަންނަ އެވޯޑެކެވެ. އެކި ދާއިރާތަކުގެ ކުންފުނިތައް ހިމެނޭ ގޮތަށް ދޭ މި އެވޯޑު ތައާރަފު ކުރީ 2016 ވަނަ އަހަރު އެވެ.