ދުނިޔެ

ޑޮނަލްޑް ޓްރަމްޕާއި ޖެބް ބުޝްގެ ބަހުގެ ހަމަލާތައް ފުލުފުލުން

Sep 2, 2015

ބުޝްގެ ކެމްޕޭނުން އިއްޔެ ނެރުނު ވީޑިއޯއެއްގައި ޓްރަމްޕް ކުރިން ދައްކަވާފައިވާ ވާހަކަތައް ހިމަނާފައި ވެއެވެ. މި ވާހަކަ ތަކުން ޓްރަމްޕް ގެ ފިކުރު ހުރީ ޑިމޮކްރެޓުންގެ ފިކުރާ އެއްގޮތަށް ކަމަށް ދައްކައިދީ އޭނާގެ ސިޔާސަތު ތަކާމެދު ވަނީ ސުވާލު އުފައްދާފަ އެވެ.

ފްލޮރިޑާގެ ގަވަރުނަރުކަން ކުރިން ކުރައްވާފައިވާ ބުޝް މިއާމީގައި ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ ޓްރަމްޕަށް މައްސަލަތަކާމެދު ވާހަކަދައްކަވަން ނޭނގޭ ކަމަށެވެ. އެހެން ކަމުން ޓްރަމްޕް މުޅިންވެސް ހަމަލާ ދެއްވަނީ މީހާއަށް ކަމަށެވެ.

"އޭނާ ކޮންމެ ކަމެއްވެސް ނަގަނީ ޒާތީކޮށް. މީހަކު އޭނާއާ ކަމަކާ ހިޔާލުތަފާތު ވާނަމަ، އެމީހަކު ވާނީ މޮޔައަކަށް. ނުވަތަ ޖޯރެއް ނެތް މީހަކަށް. އޭނާ ކުރާހާ ވެސް ކަމަކީ އެއީ."

ރައްދުގައި ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ "ފޭލިވަމުންދާ ކެމްޕޭނަކުން ދިން ބަލިކަށި ހަމަލާއެއް" ކަމަށެވެ.

އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުން ދައްކާގޮތުގައި ޓްރަމްޕް އުޅުއްވަނީ އެހެން ކެނޑިޑޭޓުންނަށް ވުރެ ކުރީގައެވެ. އަދި ބުޝްގެ މަގުބޫލުކަން ދަނީ ދަށަށެވެ.

ޖެބް ބުޝް ގެ ބައްޕައާއި ބޭބެ އަކީ ވެސް ކުރިން އެމެރިކާގެ ވެރިކަން ކުރެއްވި ފަރާތްތަކަށް ވާއިރު، އޭނާ ޕާޓީގެ ތިކެޓަށް ވާދަކުރައްވަން ނުކުންނެވީ އެހެން ރިޕަބްލިކަން ކެނޑިޑޭޓުންނަށް ވުރެ މަގުބޫލު ބޭފުޅެއްގެ ގޮތުގައެވެ. ރިޕަބްލިކަން ޕާޓީން އެމެރިކާގެ ވެރިކަމަށް ނުކުންނެވުމަށް 17 ކެނޑިޑޭޓަކު ބޭނުން ވެއެވެ.

ޕާޓީގެ ޓިކެޓް ހޯދުން އެންމެ ގާތީ ރިއަލް އެސްޓޭޓް ވިޔަފާރިވެރިޔާ އަދި ރިއަލިޓީ ޓީވީ ތަރި ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕްގެ އެންމެ މުހިންމު އެއް ޕޮލިސީއަކީ މެކްސިކޯ ފަދަ ގައުމުތަކުން އެތެރެވާ ރެފިއުޖީންގެ މައްސަލަ ހައްލުކުރުން ކަމަށް ވާއިރު ބުޝްގެ އަނބިކަނބަލުންނަކީ މެކްސިކޯ މީހެކެވެ.