ހަބަރު

ޝަމީމާއެކު ސީއެސްސީގެ ހަތަރު މެންބަރަކު ވަކި ކުރަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމާ އެކު އެ ކޮމިޝަންގައި ތިއްބަވާ ހަތަރު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ސީއެސްސީއާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަރުކާރުގެ ހުރިހާ މިނިސްޓަރުން މިއަދު ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންފަ އެވެ. ހުރިހާ މިނިސްޓަރުން ވެސް ވަނީ ސީއެސްސީގެ މަސައްކަތުގައި ލަސްތަކެއް ހުރިކަން ފާހަގަ ކުރައްވާފަ އެވެ. ސީއެސްސީގެ ފަރާތުން އެކަށީގެންވާ ވަރަށް އެއްބާރުލުން ނުލިބޭ ކަމަށް މިނިސްޓަރުން ވިދާޅުވި އެވެ.

އެ ބައްދަލުވުމަށް ފަހުގައި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޝަމީމްގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދު އާއި، ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ މުހައްމަދު އަދި މެންބަރު އިބްރާހިމް ޝަހީގު ވަކި ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެންބަރުން ނިންމެވި އެވެ.

މީގެ ކުރިން ވެސް ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދު އާއި މެންބަރު އިބްރާހިމް ޝަހީގު ވަކި ކުރަން ކުރަން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދަން މަޖިލީހުގެ ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

އެ މައްސަލަައާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމުގެ ގޮތުހން ޝަހީދު އާއި ޝަހީގު ވަނީ މީގެ ކުރިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެސް ކޮށްފަ އެވެ. އެ ކޮމިޓީ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައި ވަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގަ އެވެ.

ސިވިލް ސާވިސް ކޮމީޝަންގެ ރައީސް ޝަމީމާއެކު ކޮމިޝަންގެ ހަތަރު މެންބަރުން ވަކި ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމިއިރު، އެ ކޮމޝަންގައި ދެން އިންނަވާނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ.

މީގެ ކުރިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ވެސް ގިނަ މެންބަރުންގެ މައްސަލަތަކެއްގައި އެ މެންބަރުން ވަކި ކުރަން ނިންމާފަ އެވެ. އެ ގޮތަށް ނިންމި ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވާއިރު، މަޖިލީހުން ފާާސްކޮށްގެން ބައެއް މެންބަރުން ވަކި ވެސް ކޮށްފައިވެ އެވެ.