ދުނިޔެ

ހަވާޑް ޔުނިވަސިޓީން ވާޗުއަލް ކްލާސްރޫމް ތާރަފުކޮށްފި

Sep 2, 2015

މި ބަދަލާއެކު ޕްރޮފެސަރު ކިޔަވާދޭނީ މާސިންގާ ސްކްރީނެއް ކުރިމަތީ އިނދެއެވެ. މި ސްކްރީނުން 60 ކުދިންގެ ވީޑިއޯ ފީޑްތައް ވަގުތުން ފެންނަން ހުރެއެވެ.

މި ކްލާސްރޫމް ވައްތަރީ ބޮޑު ވީޑިއޯ ކޮންފަރެންސަކާއެވެ. ކޮންމެ ކުއްޖަކަށް ވެސް ސުވާލުކޮށް އެހެން ކުއްޖަކު އަހާ ސުވާލަށް ޖަވާބު ދެވެއެވެ. ޓީޗަރަށް ފިލާވަޅު މެދުކަނޑާލާ ހުރިހާ ކުދިންނަށް އެއްފަހަރާ ސުވާލެއް ފޮނުވާލާ، އޮންލައިން ޕޯލް އެއްގައި ވެސް ބައިވެރި ކުރެވެއެވެ.

ހަވާޑުން މަސައްކަތް ކޮށްފައި ވަނީ އެ ޔުނިވަސިޓީގެ ފިޒިކަލް ކުލާސްރޫމެއްގައި ހުންނަ ސިފަތައް ހިމަނައިގެން އޮންލައިން ވާޝަނެއް އުފެއްދުމަށެވެ. ޖެނުއަރީގައި އެ ޔުނިވަސިޓީގެ ދަރިވަރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތަޖުރިބާގެ ދަތުރުތަކުގައި ފުރުމުން، ހަވާޑުން އެކުދިންގެ ދިރާސާތައް ހިއްސާ ކުރާ ކްލާސްތައް އެޗްބީއެކްސް ލައިވް ނަމަކަށް ކިޔާ މި ޓެކްނޮލޮޖީގެ އެހީގައި ނަގައިދޭނެއެވެ.

މި ޓެކްނޮލޮޖީ އަށް ބިނާކޮށް އެ ޔުނިވަސިޓީން އޮންލައިން ކޯސްތައް ފަރުމާ ކުރާނެ ކަމަށް ވެސް އެ ޔުނިވަސިޓީން ބުނެއެވެ. މި ޓެކްނޮލޮޖީ އަދި އެހާ ތަރައްގީ ވެފައި ނެތަސް އެކި ޔުނިވަސިޓީން ތަކުން ދަނީ މިފަދަ ކޮންސެޕްޓްތައް ޓެސްޓު ކުރަމުންނެވެ.