ހަބަރު

މެންބަރުންގެ ނަމުގައި ނަޝީދަށް މައާފަށް ނޭދެވޭނެ: ނަޝީދު

މިދިޔަ ބުރާސްފަތި ދުވަހު ކ. މާފުށީގައި މަސްތުގެ ހާލުގައި އައުރަ ނިވާނުކޮށް އުޅުނު އިނގިރޭސި އަންހެނަކު ހައްޔަރުކުރި މައްސަލައާއި ގުޅިގެން އޭނާގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ރައީސް މުހައްމަދު ނަޝީދަށް މައާފަށް ނޭދެވޭނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު، އެ ފަތުރުވެރިޔާގެ ކިބައިން މާފަށް އެދިވަޑައިގެންނެވީ މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ހާދިސާއަކީ ހިތާމަ ކުރައްވާ ހާދިސާއެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ފަތުރުވެރިޔާ އަލުން ރާއްޖެ އައުމަށް މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީއިން ދައުވަތު އަރުވާ ކަމަށެވެ. ހިނގައިގެން ދިޔަ ކަމާމެދު ހިތާމަކުރައްވައި މާފަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ހާލަތަށް އެކަން ދާން ޖެހުނު ސަބަބު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ތަފްސީލްކޮށް ދެއްވާފައިވާ ކަމަށެވެ.

ފަތުރުވެރިޔާ އަލުން ރާއްޖެއަށް އައުމަށް ރައީސް ނަޝީދު ދައުވަތު ދެއްވާފައިވާއިރު އެކަމަކީ ރާއްޖޭގެ ނަން ކިލަނބުވެގެންދާނެ ކަމަށް އެމަނިކުފާނު މީގެ ކުރިން ވަނީ ޓްވީޓް ކުރައްވައި ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ރައީސް ނަޝީދުގެ އެ އަމަލު ކުށްވެރިކުރައްވާ މެންބަރު ނަޝީދު ވިދާޅުވީ އިސްލާމީ ގައުމެއްގައި ރަށުތެރެއަށް ބިކިނީއާއެކު އެރުން މަނާކޮށްފައިވަނިކޮށް އެކަންކުރި މީހަކު ހުއްޓުވަން އުޅުމުން އެކަން ކުރި މީހުން ގޯސްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެ ހާދިސާއާއި ގުޅިގެން މަޖިލީހުގެ ހުރިހާ މެންބަރުންގެ ފަރާތުން މަޖިލީހުގެ ރައީސް ނަޝީދަށް މައާފަށް ނޭދެވޭނެ ކަމަށް ވިދާޅުވިއެވެ.

އަންހެން ފަތުރުވެރިޔާ، ފުލުހުން ހައްޔަރުކުރީ މާފުށީގެ މަގުމަތީގައި ނިވާކަން ކުޑަ ހެދުމެއްގައި އުޅެނިކޮށެވެ. އޭނާ ނިވާ ކުރުމަށް ފުލުހުން މަސައްކަތް ކުރުމުން ވަނީ ގަދަކަން ދައްކައި ފުލުހުންނަށް ހުރަސް އަޅާފަ އެވެ. އެހެންވެ ފުލުހުން އޭނާ ހައްޔަރުކުރީ ގަދަކަމުންނެވެ.

އެކަން ކޮށްފައިވަނީ ގޯސް ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ މާފަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ސަލާމަތީ ނަޒަރަކުން ބަލައި އެކަން ހިނގައިދިޔަ ގޮތް މާ ގޯސް ކަމަށް ބުނެވެން ނެތް ކަމަށެވެ. އެކަމަކު އެއަށްވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވުނީސް ކަމަށް މިނިސްޓަރު ވެސް ވިދާޅުވި އެވެ.

އަންހެން ފަތުރުވެރިޔާގެ އަމަލު ހުރި ގޮތުން މާފުށީގެ ރައްޔިތުންގެ ވަރަށް ބޮޑު ނުރުހުމެއް އޮތެވެ. އޭނާ އެ ވަގުތު ހުރީ މަސްތުގެ ހާލަތުގަ އެވެ. އަދި އޭނާއާއެކު ޗުއްޓީ ހޭދަކުރަމުން ދިޔަ ފިރިހެން މީހާ މާރާމާރީ ހިންގި ކަމަށް ވެސްވެ އެވެ.

މާފުށީ ފުލުހުންގެ ސްޓޭޝަނުގައި އިރުކޮޅަކު ފަތުރުވެރިޔާ ބެހެއްޓުމަށްފަހު އޭނާ ދޫކޮށްލި އެވެ. ރާއްޖެއިން އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. ޖެހިގެން އައި ދުވަހު އޭނާ ފުރައިގެން ވެސް ހިނގައްޖެ އެވެ.