މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

އާ ވަޒީރުގެ ފުރަތަމަ ޒިޔާރަތް ފިޔަވައްޗަށް

Feb 10, 2020

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ފިޔަވައްޗަށް ޒިޔާރަތް ކުރައްވައި، އެ މަރުކަޒުގެ މުވައްޒަފުންނާއި ކުދިންނާ ބައްދަލު ކުރައްވައިފި އެވެ.

އެ މިނިސްޓްރީން ބުނީ އެކަމަނާ މިއަދު ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ޒިޔާރަތް ކުރައްވާ އެ ތަނުގެ ހާލަތު ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި މުވައްޒަފުންނާއި ބައްދަލު ކުރައްވާ ކަންބޮޑުވުންތަކުގެ އަޑުއެއްސެވި ކަމަށާއި އެތާނގެ ކުދިންނާއިވެސް މިނިސްޓަރު ބައްދަލު ކުރެއްވި ކަމަށެވެ.

ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ކަމަށް އަލަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ މަގާމުގެ ހުވާ ކުރެއްވީ އިއްޔެ އެވެ. އައިޝަތު މުހައްމަދު ދީދީ ޖެންޑާ މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވީ އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގައި ހުންނެވުމަށްފަހު އެވެ. އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ކުރައްވައިފަ އެވެ.

މި ސަރުކާރުގެ ފުރަަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ. އަދި ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން ފާސްކޮށްފައި ވެސް ވަނިކޮށެވެ.

ޖިންސީ ގޯނާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަ ކުދިން ގެންގުޅޭ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ޝިދާތާއަށް ވަރަށް ގިނައިން ފާޑު ކިޔަ އެވެ. ނަމަވެސް މަޖިލީހުގައި މައްސަލަ ހޫނުވީ ޑިސްއެބިލިޓީ އެމްބެސެޑާ ކަމުން ދާދި ފަހުން ވަކިކުރި އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭކަން އެނގިހުރި އޭނާ ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރާ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނުނެގި މައްސަލަ އެވެ.

ބޮޑެތި ޕްރެޝަރުތަކާހެދި ޝިދާތާ އިސްތިއުފާދެއްވި ނަމަވެސް ޖެންޑާގެ ދާއިރާއާ ގުޅުންހުރި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ތެރެއިން ބޭނުންވާ މާލީ އެހީތެރިކަންވެސް އެ މިނިސްޓްރީއަށް އެދެވޭ ގޮތެއްގައި ލިބެމުން ނުދެއެވެ.