ހަބަރު

ސީޕްލޭން ޓާމިނަލްގެ މައްސަލަ: ކޮމިޓީއަށް ޓީއެމްއޭ ހާޒިރު ކުރަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް މަޝްވަރާ ކުރަން ނިންމައިފި އެވެ.

އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ކުޑަ އަގަކަށް ޓީއެމްއޭއަށް ދޫކުރަން ނިންމި މައްސަލައާ ގުޅިގެން ޓީއެމްއޭ ހާޒިރުކޮށް މަޝްވަރާ ކުރަން ބާއްވާ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ތާވަލު ކޮށްފައި ވަނީ މިއަދު ހަވީރު 3:30 ގަ އެވެ.

ސީޕްލޭން ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދޭން އުޅޭ ކަމަށް ކުރިން އޮތީ އަޑުފެތުރިފަ އެވެ. މިކަމާ ގުޅިގެން ސަރުކާރުންނާއި އެމްއޭސީއެލް އިންވެސް ވަނީ ޓީއެމްއޭއަށް ޓާމިނަލް ދޭން ނޫޅޭ ކަމަށް ބުނެފަ އެވެ.

ސީޕްލޭން ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭ އަށް ދޫކޮށްލަން އުޅުނު ކަމަށް ބުނާ އަޑުތަކާ ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ މީގެ ކުރިން ބަލައި އޮޑިޓާ ޖެނެރަލަށް ހުށަހަޅައިގެން ހާއްސަ އޮޑިޓެއް ވެސް ކުރި އެވެ. އެ އޮޑިޓުގައިވާ ގޮތުން މާކެޓް އަގަށް ވުރެ ކުޑަކޮށް ޓީއެމްއޭއަށް ދީފިނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް އެމްއޭސީއެލް އަށް ގެއްލޭނެ އެވެ.

އެ ރިޕޯޓްގައި އިތުރަށް ބުނި ގޮތުގައި ޓީއެމްއޭ އިން މިހާރު ހިންގާ ލައުންޖް ތަކަށް އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދެވިދާނެ އެވެ. މި އަދަދަށް ޖާގަ ދީފިނަމަ ދައުލަތަށް 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ނަމަވެސް މުޅި ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދީފިނަމަ ލިބޭނީ 41 މިލިއަން ޑޮލަރެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިޕޯޓާ އެއްގޮތަށް ސަރުކާރުން ވަނީ ފަހުން ނިންމާފަ އެވެ. އެއީ ދެ އަހަރު ދުވަހަށް 5،383 އަކަ މީޓަރުގެ ސަރަހައްދެއް ޓީއެމްއޭއަށް ދިނުމަށެވެ. އެ ގޮތަށް ދޭން ނިންމާފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ. އަދި ދެ އަހަރު ފަހުން މާކެޓު ރޭޓުގައި އެ ސަރަހައްދު ޓީއެމްއޭއިން ހިފަން ޖެހޭ ގޮތަށް ވަނީ ނިންމާފަ އެވެ.

އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ކުޑަ އަގެއްގައި ޓީއެމްއޭއަށް ދޭ ގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެމްއޭސީއެލްއަށް ބޮޑު ގެއްލުމެއް ލިބޭ ގޮތަށް ސީޕްލޭން ޓާމިނަލް ދޫކުރަން ޖެހޭ ސަބަބަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.