ވިޔަފާރި

މިދިޔަ މަހު މީރާއަށް ބަލައިގަތީ 1.81 ބިލިއަން ރުފިޔާ

Feb 11, 2020

މިދިޔަ މަހު 1.81 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ބުނީ މި އަދަދަކީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 7.4 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. ނަމަވެސް، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ ދަށް އަދަދެކެވެ.

ޖަނަވަރީ 2020 ގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޑިސެންބަރު 2018 އާއި އަޅާ ބަލާއިރު ޑިސެންބަރު 2019 ގައި ޓޫރިސްޓުން ރާއްޖޭއަށް އައިސްފައިވާ މިންވަރު 13.6 އިންސައްތަ އިތުރުވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި ޓެކްސްތައް އިތުރުވެފައިވުމެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ފަހު ޑެޑްލައިންގެ ބައެއް ފައިސާ ޖަނަވަރީ 2020 ގައި ލިބިފައިވުމަކީވެސް އާމްދަނީ އިތުރުވި ސަބަބެކެވެ.

ވޭތުވެދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ ޖަނަވަރީ މަހުގެ ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުތަކަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އަދަދު މަދުވެފައިވުމާއި، ޖަނަވަރީ 2019 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާއަށްވުން ކަމަށް މީރާއިން ބުނެއެވެ.

ޖަނަވަރީ 2020 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 44.5 އިންސައްތަ ނުވަތަ 807.13 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީއިންނެވެ. އެއީ 35.6 އިންސައްތަ ނުވަތަ 645.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 84.93 މިލިއަން ރުފިޔާ އާއި އެއާޕޯޓު ޑެވެލޮޕްމަންޓް ފީގެ ގޮތުގައި 69.20 މިލިއަން ރުފިޔާ، އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 68.68 މިލިއަން ރުފިޔާއަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 138.13 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޖަނަވަރީ 2020 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 64.3 މިލިއަން އެމެރިކާ ޑޮލަރު ކަމަށްވެސް މީރާއިން ބުނެއެވެ.