ވިޔަފާރި

ސަރުކާރު ކުންފުނިތަކުގެ ސާފު ފައިދާ ނުވަ ޕަސެންޓް އިތުރު

Feb 12, 2020
1

ސަރުކާރު ކުންފުނިތަކަށް މިދިޔަ އަހަރުގެ ތިން ވަނަ ކްއާޓަރުގައި ލިބުނު ސާފު ފައިދާ ނުވަ ޕަސެންޓް އިތުރުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ބުނެފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން އާއްމުކޮށްފައިވާ ތިން ވަނަ ކުއާޓަރުގެ މާލީ ރިޕޯޓުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ ހަމައަށް ސަރުކާރުގެ 26 ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ 2018 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބިފައިވާ 961 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ނުވަ ޕަސެންޓުގެ އިތުރު ވުމެކެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ސާފު ފައިދާއެއް ލިބިފައިވަނީ އެސްޓީއޯ އަށެވެ. އެ ކުންފުންޏަށް ތިން ވަނަ ކުއާޓަރުގެ ނިޔަލަށް ސާފު ފައިދާގެ ގޮތުގައި 94 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 47 މިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 104 ޕަސެންޓުގެ އިތުރު ވުމެކެވެ. ދެވަނަ އަށް އެންމެ ބޮޑު ސާފު ފައިދާއެއް ލިބިފައިވަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އެވެ. އެ ކުންފުންޏަށް ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 350 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު ލިބިފައިވަނީ 277 މިލިއަން ރުފިޔާ އެވެ. މިއީ 26 ޕަސެންޓުގެ އިތުރު ވުމެކެވެ.

ސަރުކާރު ކުންފުނިތަކުގެ މާލީ ރިޕޯޓުގައިވާ ގޮތުން ކުންފުނިތަކުގެ ސާފު ފައިދާ އިތުރުވިނަމަވެސް ޖުމްލަ އާމްދަނީ ވަނީ ދަށްވެފަ އެވެ. ތިން ވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބުނީ ގާތްގަނޑަކަށް އެވަރުގެ އާމްދަނީ އެކެވެ.