ދުނިޔެ

"އީސްޓް ތުރުކިސްތާން ހަނގުރާމަވެރިންގެ އަސަރު ޕާކިސްތާނުން ފޮހެލެވިއްޖެ"

Sep 2, 2015

ރައީސް މަމްނޫން ހުސެން މިހެން ވިދާޅުވީ ޗައިނާގެ ރައީސް ޒީ ޖިންޕިން އާ މިއަދު ބެއިޖީންގައި ބައްދަލު ކުރައްވާ ވާހަކަދައްކަވަމުންނެވެ.

ޗައިނާގެ ހުޅަނގު ސަރަހައްދު ތަކުގައި ހިނގާ ހަމަނުޖެހުންތަކުގެ ޒިންމާ އެގައުމުގެ ސަރުކާރުން އަޅުވަނީ އީޓީއައިއެމް ފަދަ ގުރޫޕުތައް ބޮލުގަ އެވެ. ޗައިނާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އީޓީއައިއެމް އިން އުޅެނީ ޗައިނާގެ ހުޅަނގުގައި މިނިވަން ދައުލަތެއް ގާއިމް ކުރާށެވެ.

ޕާކިސްތާނުގެ ރައީސް ވިދާޅުވީ އެގައުމުން ކުރިއަށް ގެންދާ ޓެރަރިޒަމާ ދެކޮޅު ހަރަކާތްތަކަށް ކާމިޔާބު ލިބެމުން ދާކަމަށެވެ. އަދި ޗައިނާއާއި ޕާކިސްތާނަކީ އަބަދުވެސް އެއްބަޔަކު އަނެއްބަޔަކަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ ދެ ގައުމު ކަން ރައީސް މަމްނޫން ހުސެން ފާހަގަ ކުރެއްވިއެވެ. ޗައިނާގެ ރައީސް ވިދާޅުވީ ޕާކިސްތާނުގެ ސަލާމަތަށް ޗައިނާއިން އަބަދުވެސް އެހީތެރިކަން ދޭނެކަމަށެވެ.

ރައީސް މަމްނޫން ހުސެން ޗައިނާއަށް ވަޑައިގެން އުޅުއްވަނީ ދެވަނަ ބޮޑު ހަނގުރާމަ އޭޝިޔާގައި ނިމުމަށް ހަތްދިހަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޗައިނާގައި ބާއްވާ އަސްކަރީ ޕެރޭޑަށެވެ.