ވިޔަފާރި

މުވައްޒަފުންގެ އާމްދަނީން ޓެކްސް އުނިކުރަން ފަށައިފި

May 10, 2020

އިންކަމް ޓެކްސް ނަގަން ފެށުމާއެކު ސަރުކާރު މުވައްޒަފުންގެ އާމްދަނީން މިދިޔަ މަހުން ފެށިގެން، ޓެކްސް އުނި ކުރަން ފަށައިފި އެވެ.

ވަކިވަކި ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ނިންމައި ރާއްޖެއަށް އިންކަމް ޓެކްސް ތައާރަފު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން އިންކަމް ޓެކްސް ދައްކަން ޖެހޭނީ ވަކި އަދަދަކަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކަށެވެ.

މި ޓެކްސް ނަގާނީ، މަހަކު 60،000 ރުފިޔާ އިން މަތިން އާމްދަނީ ލިބޭ ފަރާތްތަކުންނެވެ. ސަރުކާރު މުވައްޒަފުންގެ ތެރޭގައި މި ބްރެކެޓަށް ފެތޭނީ މަދު އަދަދެއްގެ މުވައްޒަފުންނެވެ. އަދި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމާއެކު ކުރިން ލަފާ ކުރެވުނު އަދަދު މިހާރު ވާނީ މަދުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުން ފެށިގެން މުވައްޒަފުންގެ އުޖޫރަ އިން ޓެކްސް އުނި ކުރަން ނިންމައި، މުވައްޒަފުންގެ އުޖޫރަ އިން "ވިތު ހޯލްޑިން ޓެކްސް" އުނި ކުރުމުގައި އަމަލު ކުރާނެ އުސޫލު ތަކެއް އާއްމު ކޮށްފައިވެ އެވެ.

އެ މިނިސްޓްރީން އާއްމު ކޮށްފައިވާ އުސޫލުގައިވާ ގޮތުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ދައުލަތުގެ ބަޖެޓުން މުސާރަ ދޭ މުވައްޒަފުންނާއި ދައުލަތުގެ އެކިއެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ގެ އުޖޫރަ އާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

އަދި މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް ދައްކަން ޖެހޭ މުވައްޒަފުން ހިމެނޭ އޮފީސް ތަކުން، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ހަ ވަނަ މާއްދާގައިވާ ގޮތުގެ މަތިން ވިތުހޯލްޑިން ޓެކްސް ދެއްކުމަށް ފުރިހަ މަކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރަން ޖެހެ އެވެ.

މި އުސޫލުގައިވާ ގޮތުން، އެކައުންޓިން ސޮފްޓް ޗެއާ އެޗްއާރު މޮޑިއުލް ބޭނުންކުރާ އޮފީސްތަކުން ސިސްޓަމްގައި ރެކޯޑް ކުރާއިރު، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި އުނި ކޮށްފައިވާ "މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް" ގެ އަދަދު "512014" ކޯޑުގައި ހިމަނަން ޖެހެ އެވެ.