ހަބަރު

ބްރޯޑްކޮމްއަށް ރައީސް ފޮނުއްވި ލިސްޓުގެ ކުރިއަށް ޝިފްލާ އާއި އަނާ

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގައި ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލި މީހުންގެ ނަންތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ތަރުތީބުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ބްރޯޑްކޮމްގައި ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލާން ދެވަނަ ފަހަރަށް ހުޅުވާލުމުން 15 މީހަކު ވަނީ ކުރިމަތިލާފަ އެވެ. އެ މާގަމަށް ދެވަނަ ފަހަރަށް އިއުލާން ކުރީ، ކުރިން އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުވަން އެއްވެސް ނަމެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސް ނުވުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އިއުލާން ކުރެއްވި މަޖިލީހަށް ރައީސް ސޯލިހް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން އެމަނިކުފާނު އިސްކަން ދެއްވި ތަރުތީބުގައި އެންމެ ފުރަތަމަ އޮތީ ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަމަވެ. ދެން އޮތީ ވީޓީވީގެ ނޫސްވެރިޔާ އައިމިނަތު އަމީނާގެ ނަމެވެ.

ބްރޯޑްކޮމްގެ މެންބަރުންތަކެއްގެ މަގާމު ހުސްވުމުން މީގެ ކުރިން ވެސް އެ މަގާމަށް އައްޔަން ކުރަން މީގެ ކުރިން ވެސް ރައީސް ފޮނުއްވި ލިސްޓެއްގައި ޝިފްލާގެ ނަން އެންމެ ކުރީގައި އޮތެވެ. އެކަމަކު ޝިފްލާގެ ބަދަލުގައި މަޖިލީހުން ރުހުން ދިނީ ރާއްޖެޓީވީ އާއި ހަވީރު ނޫހުގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފަށެވެ.

މީގެ އިތުރުން ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް ސޯލިހް މަޖިލީހަށް ފޮނުއްވި އެހެން ލިސްޓެއްގައި ވެސް އަނާގެ ނަން ވަނީ ދެވަނަ ނަމެއްގެ ގޮތުގައި ފޮނުވާފަ އެވެ. އެ ލިސްޓުގައި ތިބި މީހުންގެ ތެރެއިން މަޖިލީހުން ރުހުން ދީފައި ވަނީ، ލިސްޓުގެ ކުރީގައި އޮތް ޕްރެޒެންޓަރު އަދި މިހާރު ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވާހީދާ އަށެވެ.

ބްރޯޑްކޮމްއަށް ކުރިމަތިލި މީހުން (ރައީސް އިސްކަންދެއްވި ތަރުތީބުން)

  • ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ
  • އައިނިމަތު އަމީނާ، ހަނދުވަރީގެ، ލ. ކުނަހަންދޫ
  • އައިމިނަތު ނުޒުހާ، ރިވޯޑް، ހއ. ހޯރަފުށި
  • ސައުދާ ސަލީމް، ރަބީއު މަންޒިލް، ހއ. ހޯރަފުށި
  • މުހައްމަދު ފަޒީން، ހޭޒްލީން، ބ. ތުޅާދޫ
  • ޒުބައިރު އަހްމަދު މަނިކު، ގ. މަލްވިނަ
  • މޫސާ ރިލްވާން، މ. ހާވިލާ
  • އަބްދުލް އަޒީޒް ޖަމާލް އަބޫ ބަކުރު، މާޒީ، ލ. މާވަށް
  • ހުސައިން ފައިޒް، މެޑޯޒް، ދ. ކުޑަހުވަދޫ
  • އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް
  • އިސްމާއީލް ސާޖިދު، މއ. ވިލާރޮނދި
  • އަހްމަދު ހަލީލް، މއ. ހަތާ
  • މުހައްމަދު ރަޝީދު އަހުމަދު، ހ، ދޮންއަންނާރުގެ
  • އަހްމަދު ފައިރޫޒް، މއ. ރަސްއައިނު
  • އައިޝަތު އަރީފާ، ތިބިރޯޒުގެ، ގދ. ގައްދޫ

މިހާރު ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބެވީ ހަ މެންބަރުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ގައިސް އާއި، މެންބަރު އަލީ ޔޫސުފުގެ އިތުރުން، މެންބަރު އަމްޖަދު ވަހީދާއި، މެންބަރު ސަހާރަތު އިއްޒަތު، އަދި މެންބަރު ޒީނާ ޒީނާ ޒާހިރު އެވެ. ކޮމިޝަންގައި ހަތް މެންބަރުން ތިއްބަވަން ޖެހެ އެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް ފެށުމާއެކު ބްރޯޑްކޮމްގެ މެންބަރުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ކުރި އެވެ. އަދި މިދިޔަ ސަރުކާރުގައި ވަކި ޓީވީ ސްޓޭޝަންތަކަށް އަމާޒުކޮށް ބޭއިންސާފުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މެންބަރުން އެއްބަސްވެވަޑައިގަތެވެ. އެ މައްސަލަގާއި ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތައް ބަލަން ކޮމިޓީން ނިންމި އެވެ.

އޭރު ބްރޯޑްކޮމްގައި ތިއްބެވި މެންބަރުންގެ ތެރެއިން މިހާރު އެ ކޮމިޝަންގައި ތިއްބެވީ މެންބަރު އަމްޖަދު ވަހީދާއި، މެންބަރު ސަހާރަތު އިއްޒަތު، އަދި މެންބަރު ޒީނާ ޒީނާ ޒާހިރު އެވެ. ދެން ތިއްބެވި ތިން މެންބަރުންނަކީ 19 ވަނަ މަޖިލީހުން ރުހުން ދިނުމުން އައްޔަން ކޮށްފައިވާ މެންބަރުންނެވެ.