ޖޭއެސްސީ

ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކުރަންޖެހޭ: ސައުދު

ފަނޑިޔާރުގެތަކަށް އަދިވެސް މުހިންމު ބަދަލުތައް ގެންނަން ޖެހޭ ކަމަށާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތްވެސް ބަދަލުކުރަންޖެހޭ ކަމަށް ވިލިގިލީ ދާއިރާގެ އަމިއްލަ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

މެންބަރު ސައުދު މިހެން ވިދާޅުވީ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް ނިމި، ޝަރުއީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެފައިވަނިކޮށެވެ.

ސައުދު ވިދާޅުވީ ފަނޑިޔާރުގެތައް އަދި ސަލާމަތް ނުކުރެވޭ ކަމަށާ ފަނޑިޔާރުގެތަކަށް އަދިވެސް މުހިންމު ބަދަލުތައް ބޭނުންވާ ކަމަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރަންޖެހޭ. ސިޔާސީ ފަނޑިޔާރުންގެ ކިބައިން ފަނޑިޔާރުގެ ސާފު ނުވަނީސް ފަނޑިޔާރުންގެއަށް ރައްކާތެރިކަމެއް ނެތް. ރައްޔިތުން އިތުބާރެއް ނުކުރާނެ." ސައުދު ވިދާޅުވިއެވެ.

މި ސަރުކާރު އައުމުގެ ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި މަޖިލީހުގައި މިހާރު ވެސް ތިއްބެވި ގިނަ މެންބަރުން އެންމެ ހަރު އަޑުން ދެއްކެވީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ވާހަކައެވެ. ނަމަވެސް ވެރިކަން ލިބި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން އެ އަޑުކެނޑި ވަނީ ކެނޑިފައެވެ.

ޖޭއެސްސީގައި ތިއްބަވަނީ މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހަކާއި، ރައީސް ކަނޑައަޅާ ބޭފުޅަކާއި، ބަންޑާރަ ނައިބު އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ވަކީލުންގެ ތެރެއިން މެންބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިފައި އޮތްއިރު، ކުރިން ޖޭއެސްސީ އޮތް އެކުލެވުމާއެކު ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ދާތީ އެ ޕާޓީއަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އަދި ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ތުހުމަތު ވެސް ކުރެ އެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ޖޭއެސްސީއިން ދުރަށް ވަޑައިގަތުމަކީ ގައުމަށް ލިބޭނެ އެންމެ ބޮޑު ދެރަ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.