ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކުރިންވެސް ނުބައި ފެށުނީ ބާރުގަދަ ވަޒީރުން އުފަންވެގެން: ޖަމީލް

މީގެ ކުރިންވެސް ނުބައި ފެށުނީ ބާރުގަދަ ވަޒީރުން އުފަންވެގެން ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ މަޖީދިއްޔާ ދެބައިކޮށްގެން ހެދި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނުމާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ފިނޭސުން ބުނީ އާންމު ބިޑަކަށް ނުގޮސް، ސެލެކްޓިވް ބިޑިންއަކަށް ދިއުމަށް ރައީސް އޮފީހުގެ ހުއްދައާއިއެކު އެޑިއުކޭޝަން މިނިސްޓްރީން ސިޓީއެއް ފޮނުވި ކަމަށެވެ.

ޖަމީލް ވިދާޅުވީ ސެލެކްޓިވް ބިޑިންއަކުން ކަންކަން ކުރަން ކުރީ ސަރުކާރުން ނިންމުން އެއީ ވަރަށް ގޯސްކަމެއް ކަމަށް މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ވިދާޅުވި ކަމަށާ ނަމަވެސް މިއަދު ފެންނަނީ ކޮންމެ ގޯސްކަމެއް އެބޭފުޅުންނާ ޖެހުމުން އެންމެ މޮޅު ގޮތަށްވާ މަންޒަރު ކަމަށެވެ.

ޖަމީލް ވަނީ ކޮރަޕްޝަނަށް މިސަރުކާރުންދޭ ޒީރޯ ޓޮލެރަންސް ކޮބައިތޯ ސުވާލުކުރައްވާފައެވެ. އަދި މިއީ ވަޒީރުން ހިންގާ އަމަލުތަކެއްތޯ ސުވާލުކުރައްވާ ކުރިންވެސް ނުބައި ފެށުނީ ބާރުގަދަ ވަޒީރުން އުފަންވެގެން ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުވެސް މިއަދު ދަތުރުކުރަމުންދަނީ އެ މިސްރާބަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

"މިއީ އެޖެންޑާ19 ގެ އަސްލު ކުލަ. ކޮންމެ ގޯސްކަމެއް މި ބޭފުޅުންނާ ޖެހުނީމާ މިވަނީ އެންމެ މޮޅު ގޮތަށް. ޒީރޯ ޓޮލެރަންސަކީ ކޮބާ؟ އަތް ބާނައިގެން ވަޒީރުން ހިންގާ އަމަލުތައްބާ؟ ކުރިންވެސް ނުބައި ފެށުނީ ބާރުގަދަ ވަޒީރުން އުފަންވެގެން. މި ސަރުކާރުވެސް އެ މިސްރާބަށް." ޖަމީލްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 74.9 މިލިއަން ރުފިޔާގެ އަގަކަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. ފަހަކަށް އައިސް ވަރަށް ގިނަ ޕްރޮޖެކްޓްތައް މި ކުންފުންނަށް ދެ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަނުން ސޮއި ކުރެއްވީ ކ،ުންފުނީގެ ޑިރެކްޓަރު އިބްރާހިމް ޝިހާދެވެ. -- އާ އިމާރާތް އެސްޖޭއިން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.